ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބިނާވެފައިވާ ގޮތަށް ބަލާއިރު، ކޮންމެ ފަސް އަހަރަކުން ބޭއްވޭ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ޤައުމުގެ މިސްރާބު ކަނޑައެޅުމުގައި އެންމެ ދިރުންހުރި ދެ ޑިމޮކްރެޓިކް ހަރަކާތެވެ. ނަމަވެސް، މި ދެ އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ސަބަބުން ދައުލަތަށާއި ސިޔާސީ ޕާޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ބަލާއިރު، ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމުގެ ޤާބިލިއްޔަތާ މެދު ފުންކޮށް ވިސްނާލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ކޮންމެ އިންތިޚާބަކީ ދައުލަތުގެ ޚަޒާނާއިން ގިނަ ޢަދަދެއްގެ ފައިސާ ހޭދަވާ ކަމެކެވެ. ރިޔާސީ އިންިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ބަދަލުގައި، ދެ އިންތިޚާބު ގުޅުވައިލައިގެން ބޭއްވިއްޖެ ނަމަ، އިދާރީ ގޮތުންނާއި ޢަމަލީ ގޮތުން ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަން ކަށަވަރެވެ.
ލަފާ ކުރެވޭ ގޮތުގައި، ދެ އިންތިޚާބު ގުޅުވައިލުމުން ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ބެލެވެއެވެ. ރައްޔިތުންގެ އިޖްތިމާޢީ ތަރައްޤީ ހަރުދަނާ ކުރުމަށާއި، ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށް ބޭނުންކުރެވިދާނެ ފައިސާ، ހަމައެކަނި ދެ ހަރަކާތެއް ގުޅުވައިލުމުން ލިބިދެވޭ ކަމީ، ސިޔާސީ ނިންމުންތަކުގައި ފުންކޮށް ވިސްނަންޖެހޭ ހަޤީޤަތެކެވެ.
ސިޔާސީ ޕާޓީތަކުން ކޮންމެ އިންތިޚާބަކަށް ކުރާ ހޭދައަކީ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑު ޢަދަދެކެވެ. ދެ އިންތިޚާބު ގުޅިގެން ބޭއްވިއްޖެ ނަމަ، ޕާޓީތަކުގެ ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްލައި، ރިޔާސީ ކެންޑިޑޭޓާއި މަޖިލިސް ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް އެއް ތަރަހައެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަން ކަށަވަރެވެ.
ނަތީޖާއެއްގެ ގޮތުން، ޕްރޮމޯޝަނަލް ހަރަކާތްތަކަށާއި، ދަތުރުފަތުރަށާއި، ލޮޖިސްޓިކަލް ކަންކަމަށް ކުރަންޖެހޭ ހޭދަ ފާހަގަކޮށްލެވޭ ވަރަށް ކުޑަވެ، ސިޔާސީ ހަރަކާތްތައް ހިންގުން ހަރުދަނާ ވެގެންދާނެ ކަމީ ދެބަސްވެވޭނެ ޙަޤީޤަތެއް ނޫނެވެ. ރިޔާސީ އިންތިޚާބްއާއި މަޖިލިސް އިންތިޚާބު ގުޅިގެން ބޭއްވިއްޖެ ނަމަ، ސިޔާސީ ޕާޓީތަކުން އެކުލަވައިލާ ސިޔާސަތުތައް އެއް ލަނޑުދަނޑިއަކަށް ފޯކަސްކޮށް ހުށަހެޅުމަށް ޕާޓީތައް ބާރުއެޅިގެންދާނެ ކަން ކަށަވަރެވެ.
ރިޔާސީ ސިޔާސަތުތަކާއި ޤާނޫނީ އެޖެންޑާ، ރައްޔިތުންނަށް ތިލަ ގޮތެއްގައި ހުށަހެޅިގެންދާ ހިނދު، ވެރިކަންކުރާ ޕާޓީއަކަށް ލިބޭ ތާއީދަކީ ހަމައެކަނި ވަކިި ފަރުދަކަށް ކުރެވޭ ތާއީދެއްގެ ބަދދަލުގައި، ސިޔާސަތުތަކެއްގެ ޞައްޙަކަމަށް ދެވޭ ތާއީދަކަށް ބަދަލުވެ،
ޑިމޮކްރެޓިކް ހިންގުމުގެ ފެންވަރު ތަރައްޤީ ވެގެންދާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ހަމަ އެހެންމެ، ޕާޓީތަކުގެ ދާޚިލީ ހިންގުން ހަރުދަނާ ވެ، ސިޔާސީ ހަރަކާތްތައް ހިންގުން ނިޒާމީ ގޮތެއްގައި ކުރިއަށްދިއުމަށް ވެސް މަގުފަހިވެ، ޑިމޮކްރެޓިކް ނިޒާމު ހަރުދަނާ ވެ ދިއުމަށް ބާރު ލިބިގެންދާނެ ކަން ކަށަވަރެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ނަޒަރު ހިންގާލާއިރު، ރިޔާސީ އިންތިޚާބަށްފަހު ބޭއްވޭ މަޖިލިސް އިންތިޚާބުގައި ސަރުކާރާ ދެކޮޅު ޢަޣްލަބިއްޔަތެއް ހޮވިއްޖެ ހިނދެއްގައި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ،
ތަރައްޤީގެ ދުވެލި ލަސްވެ ހިނގައިދާ ކަން ތާރީޚީ ހެކިތަކުން ދައްކައެވެ، ދެ އިންތިޚާބު ގުޅިގެން ބޭއްވިއްޖެ ނަމަ، ރައްޔިތުން ބޭނުންވާ ސަރުކާރަކާ ފުށުނާރާ، ތަރައްޤީ ކުރިއެރުވޭ ވަރުގެ ޤާނޫނު ހަދާ މަޖިލީހެއް ހޮވުމުގެ ފުރުސަތު ތަނަވަސްވެ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް ލިބޭ ތަނަވަސްކަން ބޮޑުވެ، ހިންގުން ހަރުދަނާވެދިއުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަން ކަށަވަރެވެ.
ދެ ބަހެއް ނެތި ބުނަން ޖެހެނީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގުޅިގެން ބޭއްވުމަކީ، ހަމައެކަނި ދައުލަތުގެ ހޭދަ ކުޑަ ކުރެވޭ ކަމެއް ނޫނެވެ؛ ޤައުމުގެ ހިންގުން ހަރުދަނާ ކޮށް، ސިޔާސީ ހަމަޖެހުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމު ކުރުމަށް ބާރު ލިބިދޭ ދުރުވިސްނޭ ސިޔާސީ ނިންމުމެކެވެ.
ވީމާ، ޤައުމީ ތަރައްޤީ ހިތްވަރު ދިނުމަށް ތެދުވެރިކަމާއެކު ބޭނުންވާ ކޮންމެ ފަރާތަކުން، މި ހުށަހެޅުމާ ދެކޮޅު ހެދުމުގެ ކުރިން، ޤައުމަށް ލިބިބިދޭ ފައިދާތަކާ މެދު ހަމަ ބުއްދިން ފުންކޮށް ވިސްނާލުމަކީ ކޮންމެހެން ލާޒިމުު ކަމެކެވެ. ރައްޔިތުންގެ ލާބައާއި ޤައުމުގެ ކުރިއެރުން އިސްކޮށް، ސިޔާސީ ތަޢައްޞުބުތަކާ ދުރުވެ، ޤައުމީ ވިސްނުމުން މި މައްސަލައަށް ނަޒަރު ހިންގައިލުމަކީ ކޮންމެ ޒިންމާދާރު ސިޔާސީ ފަރާތަކަށް ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

