ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރެފެރެންޑަމްއާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގެންނަން އުޅޭ ވަރަށް ބޮޑު ބަދަލަކަށް ވާތީ، އެކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ލިބޭ ޚިޔާލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކެއް ކުރުމަށްފަހު ނޫނީ ރެފެރެންޑަމަކަށް ނުދިއުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން، ދުސްތޫރީ އިސްލާހުތަކެއް ގެންނައިރު އަވަސް އަރުވާލައިގެން ކަންކަން ނިންމުމުގެ ބަދަލުގައި، ހުރިހާ ފަރާތްތަކެއް ހިމެނޭހެން މަޝްވަރާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޚަރަދު ކުޑަކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭން ތެޔޮ ހޯދުމަށް އިންޑިއާގެ އެހީތެރިކަމަށް އެދުނު ވާހަކަވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުން ޖެހުނު ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިގޮތުން 3 ނޮވެންބަރު 1988 ގެ އުދުވާނީ ހަމަލާއާއި، ސުނާމީ ކާރިސާ، ފެނުގެ ކާރިސާ އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން ވެދީފައިވާ އެހީތެރިކަން އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ސަރަހައްދީ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި ރާއްޖޭގައި ޑިމޮކްރަސީ ވަރުގަދަ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

