ދިވެހިރާއްޖެއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތް އޮކްތާއި އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައެވެ.
މި ބައްދަލުވުމުގައި ސަފީރު ޢަބްދުއްރަޙީމް ވަނީ، ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީ ޤާއިމުކުރެވުނު ފަހުން ދެ ޤައުމުގެ ގުޅުމަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގައި ޤާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ. އަދި ތުރުކީ ސަރުކާރުން ރާއްޖެއަށް އެކި ދާއިރާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަފީރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.
ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތް އޮކްތާއި ވަނީ ސަފީރަށް ހޫނު މަރުހަބާއެއް ދެންނެވުމުގެ އިތުރުން، ތުރުކީ-ރާއްޖޭގެ ގުޅުން ތަފާތު ދާއިރާތަކުން އިތުރަށް ހަރުދަނާ ކުރުމަށް ތުރުކީވިލާތުން ދެވެން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، އަލްފާޟިލް ޢަބްދުލްވާރިޘް ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

