ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމެކެވެ.
މިގޮތުން މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަވެރި ހާލަތާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާއިރު، ދިވެހި ސަރުކާރުން މިވަނީ އާންމު ރައްޔިތުންނަށް މިކަމުގެ ބުރަ ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ސަބްސިޑީގެ އިތުރުން އެސްޓީއޯއަށް ލިބޭ ފައިދާ ބޭނުންކޮށްގެން ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމެވެ.
މެދުއިރުމަތީގައި، ހާއްސަކޮށް އިޒްރޭލާއި އިރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކާއި، ސަރަހައްދީ ހަނގުރާމައެއްގެ ބިރުވެރިކަން ބޮޑުވުމަކީ ތެޔޮ އުފައްދާ މިންވަރަށާއި އުފުލުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމެކެވެ.
މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ނިސްބަތުން ވަރަށް ބޮޑަށް އުފުލިފައެވެ. ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް ބޭރުން އިމްޕޯޓްކުރާ ގައުމަކަށް ވުމުން، މި ބަދަލުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ވަގުތުން ކުރެއެވެ.
ސަރުކާރުން އެކުލަވާލި ކެބިނެޓް ކޮމިޓީގެ ނިންމުމަކީ، ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވި ނަމަވެސް ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނަނުދީ ހިފެހެއްޓުމެވެ. މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، ދައުލަތުގެ ބަޖެޓުންދޭ ސަބްސިޑީގެ އިތުރުން، އެސްޓީއޯއަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާގެ ބައެއް މިކަމަށް ހޭދަކުރެވޭނެއެވެ.
މިސާލަކަށް އެސްޓީއޯއަށް 1.5 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނަމަ، އޭގެ ތެރެއިން ބައެއް ތެލުގެ އަގު ހިފެހެއްޓުމަށް ’އެބްޒޯބް‘ ކުރުމަކީ ސަރުކާރުގެ ރޭވުމެކެވެ. މިއީ ވިޔަފާރިތަކަށާއި އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.
ތެލުގެ އަގު ހިފެހެއްޓުމުގެ އިތުރުން، ތެޔޮ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެކަން ޔަގީންކުރުމަކީ ވެސް ސަރުކާރުގެ އިސްކަމެކެވެ. މިގޮތުން އެސްޓީއޯއިން ވަނީ ދާދި ފަހުން ތެޔޮ އުފުލާ އިތުރު ބޯޓެއް ގަނެފައެވެ. 24,500 މެޓްރިކް ޓަނުގެ މި ބޯޓާއި، މިހާރު އޮތް 22,000 މެޓްރިކް ޓަނުގެ ބޯޓުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ތެޔޮ މެދުކެނޑުމެއް ނެތި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ. މީގެ އިތުރުން، ތެޔޮ ގަންނާނެ އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ދުނިޔޭގެ ސިޔާސީ އަދި ހަނގުރާމަވެރި ހާލަތުގެ ސަބަބުން ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެސްޓީއޯގެ ފައިދާއިން ބައެއް ގުރުބާންކޮށްގެން ނަމަވެސް، ތެލުގެ އަގު ހިފެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ ޖީބަށް ކުރާ އަސަރު ކުޑަވެ، ގައުމުގެ އުފެއްދުންތެރިކަމަށް ބޭނުންވާ ހަކަތަ ހެޔޮ އަގުގައި ލިބިގެންދާނެއެވެ.

