އދ. ދިގުރަށުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށްޓަކައި އެ ގޭގެ ފާރު ތަޅައިލައިގެން ވަދެފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބިދޭސީން ދިރިއުޅޭ އެ ގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މާޗް 12 ވަނަ ދުވަހުގެ ރޭ ދަންވަރު 01:57 ހާއިރު ކަމަށެވެ.
ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ 01:58 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފުލުހުން ބުނި ގޮތުގައި އެ ވަގުތު އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދިޔައެވެ. ގޭތެރޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން އެތެރެއަށް ވަދެ، ހަބަރު ހުސްވެފައިވާ ހަތް މީހަކު ވަނީ ނެރެފައެވެ.
މި ހާދިސާގައި ހަބަރު ހުސްވެގެން ނެރުނު މީހުންގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ. އަދި ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހާލު ސީރިއަސްވި ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެއަށް ގެނެސްފައެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
މީގެ އިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ އެ ރޭ ދަންވަރު 02:30 ހާއިރު ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އެގޮތުން ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް، ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ޓީމެއް ދިގުރަށަށް ގޮސް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

