ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ފުރަތަމަ ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ދަންނަނީ 1988 ވަނަ އަހަރު ނުކުތް ’ޤަޔާމަތު ސޭ ޤަޔާމަތު ތަކް’އެވެ. ނަމަވެސް، އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށީ އަދިތްޔާ ބަޓަޗާރިޔާ ޑައިރެކްޓް ކުރި ’ރާކް‘ އިންނެވެ. މި ފިލްމަކީ އާމިރުގެ ފިލްމީ ކެރިއަރުގައި އެކްޓިންގެ ދާއިރާއިން އޭނާއަށް ނޭޝަނަލް ފިލްމް އެވޯޑެއް ލިބުނު ހަމައެކަނި ފިލްމެވެ.
އުމުރުން އެންމެ 23 އަހަރުގައި އާމިރު ކުޅުނު ’ރާކް‘ އަކީ އޭނާގެ ’އެންގްރީ ޔަންގް މޭން‘ ސިފަތައް ފެނިގެންދިޔަ ފިލްމެކެވެ. މި ފިލްމުގައި އާމިރުގެ އިތުރުން ސުޕްރިޔާ ޕާތަކް އަދި ޕަންކަޖް ކަޕޫރު މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މި ފިލްމަކީ މަޝްހޫރު އެޑިޓަރު ސްރީކަރް ޕްރަސާދު އަދި ސިނެމަޓޯގްރާފަރު ސަންތޯޝް ސިވަންގެ ވެސް ފުރަތަމަ ފިލްމެވެ.
އާމިރުގެ ބައްޕަ ތާހިރު ހުސައިން އާއި ބޮޑުބޭބެ ނާސިރު ހުސައިން ބޭނުންވީ ’ރާކް‘ އަށްވުރެ ކުރިން ’ޤަޔާމަތު ސޭ ޤަޔާމަތު ތަކް‘ ރިލީޒް ކުރާށެވެ. އެއީ ވިޔަފާރީގެ ގޮތުން ބަލާއިރު ލޯބީގެ ފިލްމަކުން އާމިރު ތައާރަފު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމީހުންނަށް ފެނުމުންނެވެ. ’ރާކް‘ އަކީ ބަދަލުހިފުމުގެ މައްޗަށް ބިނާކޮށްފައިވާ އަނދިރި އަދި ސީރިއަސް މައުޟޫއެއްގެ ފިލްމެކެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާމިރު ހުސައިން ކިޔާ ޒުވާނަކު، އޭނާގެ ލޯބިވެރިޔާއަށް ދިމާވި ޖިންސީ ގޯނާގެ ހާދިސާއަކަށްފަހު، އަމިއްލަ ނަފްސު ކުށްވެރިކޮށް ބަދަލުހިފުމުގެ ރޫހުގައި ކުށުގެ ދުނިޔެއަށް ވަދެގެންދާ ގޮތުގެ މައްޗަށެވެ. ފިލްމުގައި އަންހެން ކެރެކްޓާގެ އިހުސާސްތަކަށްވުރެ ބޮޑަށް ދައްކުވައިދެނީ ފިރިހެން ކެރެކްޓާގެ ބަދަލުހިފުމުގެ ދަތުރެވެ.
އެ ދުވަސްވަރު ބޮލީވުޑްގައި އަންހެނުންނަށް ކުރާ އަނިޔާތަކަކީ ހަމައެކަނި ފިލްމުގެ ބަތަލަށް ’ހީރޯ‘ އަކަށް ވުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި އޮތް އޮތުން ’ރާކް‘ އިން ވެސް ފެނިގެންދެއެވެ. ނަމަވެސް، އާމިރުގެ މޮޅު އެކްޓިންގެ ސަބަބުން މި ފިލްމަށް ވަނީ ނޭޝަނަލް އެވޯޑްގެ ’ސްޕެޝަލް މެންޝަން‘ ކެޓަގަރީން ޝަރަފުވެރި އެވޯޑެއް ލިބިފައެވެ.

