ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ ސެންޓަރ ފޯރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.
ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މިއަދުން ފެށިގެން 18 ވާ ބުދަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ޒަކާތް ބަލައިގަންނާނެ ވަގުތުތައް
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:
- މި މަހުގެ 14 އަދި 15 ވަނަ ދުވަހު: ހެނދުނު 10:00 އިން މެންދުރު 12:00 އަށް
- މި މަހުގެ 16 އިން 18 އަށް: ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް
މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތައް
މި އަހަރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަ ބާވަތެކެވެ. އެ ބާވަތްތަކަކީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކުވެސް ރަމަޟާން މަސް ނިމުމުގެ ކުރިން އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ. ގޮވާމުން ޒަކާތް ދައްކާއިރު، އެމީހަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ދައްކަންޖެހޭނެއެވެ.

