ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު، ކުއްލި ފިޔަވަޅުތައް އަޅަން ޖެހޭ: ނަޝީދު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަޕްލައި ޗެއިންއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ބަލައި، ރާއްޖޭގައި ތެޔޮ ރައްކާކުރެވޭ މިންވަރު އިތުރުކުރުމަށާއި ހަކަތަ އިގްތިސާދު ކުރުމުގެ ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާއި ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ތެޔޮ ގެނައުމުގައި ހުރި ދަތިތަކުގެ ސަބަބުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމަށް އެހެން ގައުމުތަކާއި އެކު މަޝްވަރާ ކުރަމުންދާކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފައި ވަނީ ތެޔޮ ހޯދުމުގައި ވަކި ގައުމަކަށް ބަރޯސާ ނުވެ، ރާއްޖެއަށް ތެޔޮ އިމްޕޯޓު ކުރެވޭނެ އިތުރު މަގުތައް ހޯދަމުންދާކަމަށެވެ.

ތެލުގެ އަގާއި ގުޅޭގޮތުން ވެސް ބަހުސްތައް ކުރެވެމުން ދަނިކޮށް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖޭގައި އެސްޓީއޯ އާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ރައްކާކުރެވެނީ ގާތްގަނޑަކަށް 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލެވެ. މިއީ ގާތްގަނޑަކަށް އެންމެ 20 ދުވަހަށް ފުދޭނެ ވަރުގެ ސްޓޮކެއްކަން ފާހަގަކުރައްވައި، ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

މި ނުރައްކަލުން ސަލާމަތްވުމަށްޓަކައި، ރައީސް ނަޝީދު ވަނީ ސަރުކާރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަމިއްލަ ސެކްޓަރުގައި ތެޔޮ ރައްކާކުރެވޭނެ މިންވަރު ދެނެގަތުމާއި، ކަރަންޓު ކަނޑާނެ ވަގުތުތަކެއް ކަނޑައަޅައި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން ހިމެނެއެވެ.

މީގެ އިތުރުން އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުމާއި، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކޮށް، އިޖުތިމާއީ ހަރަކާތްތައް ބޭއްވުން މަދުކުރަން ޖެހޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ މަސްވެރިކަމާއި ރިސޯޓްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރަށް ބޭނުންވާ ތެޔޮ ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބައިނަލްއަގުވާމީ މަސްރަހަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭނެ ފަދަ މަތިންދާބޯޓާއި ކަނޑުބޯޓުފަހަރުގެ އާ ރޫޓުތައް ހޯދައި، ސަޕްލައި ލައިން ބަދަލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ، ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ގައުމުގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ އަށް ބޭނުންވާ ތެޔޮ ހޯދުމަށް އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. އަދި އެކަމާއި ގުޅޭގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވެސް ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ މީޑިއާތަކަށް އެކަމުގެ މައުލޫމާތު ދީފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25-30 ޕަސެންޓަށް ވަނީ އުފުލިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: