ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން، އޭރަކު އޮންނަ ސަރުކާރަކުން ވޯޓަށް ނުފޫޒު ފޯރުވުމަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެންދާނެކަމަށް ޕީއެންސީ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ހޯރަފުށީ ދާއިރާ ރައްޔިތުންގެ ފަރާތުން މިރޭ ކުރިޔަށް ގެންދިޔަ ތާރާވީސްގައި ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުން ވަނީ އިންތިހާބުތަކަށް ނުފޫޒު ނުފޯރުވޭނެ ފަދަ އިންސާފުވެރި ނިޒާމެއް ގާއިމުކުރަން ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ އިންތިހާބީ މަސައްކަތުގައި އުޅުއްވާއިރު، މަޖިލިސް މެންބަރުންނަށް ވެސް އަމިއްލަ އިންތިހާބީ މަސައްކަތްތަކުގައި އުޅެންޖެހުންކަމަށް ފަލާހު ވިދާޅުވި އެވެ. މިކަމުގެ ސަބަބުން އެއް ބަޔަކު އަނެއް ބައެއްގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދެވޭނެ ވަގުތު ނޯންނާނެކަމަށް ފަލާހު ވިދާޅުވިއެވެ.
މާޒީގެ ތަޖުރިބާއާއި ގުޅޭގޮތުން ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބަށްފަހު ހަ މަސްދުވަސް ފަހުން މަޖިލިސް އިންތިހާބު ބާއްވާތީ، މުޅި ސަރުކާރުގެ ފޯކަސް އެ ދުވަސްވަރު އޮންނަނީ ހަމައެކަނި އެ އިންތިހާބަށް ކަމަށެވެ. އަދި އެއީ ގެއްލޭ ވަރަށް ބޮޑު މުއްދަތެއްކަން ފާހަގަކުރައްވައި ވިދާޅުވީ، މި ވަގުތުގެ ތެރޭގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ވެސް ކުރިޔަށް ނުދާކަމަށެވެ. މިއާއިއެކު އޮންނަ އެންމެ ބޮޑު ކަންބޮޑުވުމާއި ޝަކުވާއަކީ އަލަށް އިންތިހާބުވާ ސަރުކާރުން، މަޖިލީހަށް އެ ޕާޓީއެއްގެ މެމްބަރުން ހޮވުމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ރަށްރަށުގެ ތަރައްގީގައި ކައުންސިލްތަކުގެ ދައުރާ ގުޅޭގޮތުން ފަލާހު ވިދާޅުވީ، ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ބާރުމިނުގައި ކުރިއަށް ގެންދެވޭނީ އިހުލާސްތެރި، އަމާނާތްތެރި ކައުންސިލެއް އޮވެގެން ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަކީ މަޝްރޫއުތަކުން ނާޖާއިޒު ފައިދާ ނަގާ، އަމިއްލަ ޖީބު ބޮޑުކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވައި ފަލާހު ވިދާޅުވީ، މިވަގުތު ސިޓީތަކުގެ މޭޔަރުންނަކީ އެމްޑީޕީގެ މެމްބަރުންނަށްވާއިރު، އެ ކައުންސިލްތަކުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އެމްޑީޕީގެ ސަރުކާރުން ފެށިގެން ވެސް އޮތީ ފެންމަތިވެފައި ކަމަށެވެ.
އެމްޑީޕީގެ ”ކުލަ ފަނޑުވެ“ މާލޭގެ މަޖީދީމަގުގައި ދަމާފައި ހުރި ބެނާތަކުން ވެސް ފެންނަނީ ރީނދޫ ކުލައިގެ ބަދަލުގައި ރަތްކުލަކަމަށް ފަލާހު ވިދާޅުވި އެވެ. އޭނޭ އެ އިޝާރާތް ކުރެއްވީ ކައުންސިލް އިންތިހާބުގެ ސިޔާސަތުތަކަށް ވުރެ ބޮޑަށް ދެ އިންތިހާބު އެއް ކުރުމާއި ދެކޮޅަށް ފޯކަސްކޮށް އެމްޑީޕީން ދަމާފައިވާ ރަތްކުލައިގެ ބެނާތަކެވެ.
ފަލާހު ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ގައުމުގެ އިގްތިސާދާއި، އިސްލާމީ ސަގާފަތާއި، ތަރައްގީއަށް ހަގީގީ މާނައިގައި މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ. އެހެންކަމުން ހޯރަފުށީ ދާއިރާގެ ތަރައްގީއަށާއި އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި، ސަރުކާރަށް އެއްބާރުލުންދޭނެ ގާބިލު ކެންޑިޑޭޓުން އިންތިހާބު ކުރުމަކީ ރައްޔިތުންނަށް ކުރެވޭނެ އެންމެ ބޮޑު ހެޔޮކަންކަމަށް އޭނާ ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ ރައީސް މުއިއްޒުގެ ތަސައްވުރަކީ ގައުމަށް ހަމަޖެހުމާއި އުފާފާގަތިކަން ގެނެސްދިނުން ކަމަށާއި، އެކަން ހާސިލުކުރެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލް މެމްބަރުން އިންތިހާބު ކޮށްގެން ކަމަށެވެ.

