ގާނޫނުއަސާސީއަށް އިތުރު އިސްލާހުތައް މާ ލަސްތަކެއް ނުވެ ހުށައަޅާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި މައްސަލަތަކެއް އެބަހުރިކަމަށާއި އެކަންކަން އިޞްލާޙުކުރަންޖެހޭކަން އެއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޤާނޫނުއަސާސީއަށް 3 އިސްލާހެއް ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވަނީ އެ އިސްލާހުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ ގާނޫނުއަސާސީއަށް ގެންނަ 3 އިންސްލާހުގެ ތެރޭގައި ހިމެނެނީ:
- ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުން.
- ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުން.
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުން.
މި އިޞްލާޙުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުގެ މަސައްކަތް މިވަގުތު ކުރިއަށް ގެންދަނީ ކީއްވެގެންތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފު ކަމަށް އުޝާމް ވިދާޅުވިއެވެ. ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިޞްލާޙުތަކުގެ ތެރެއިން، މި އިޞްލާޙަކީ، އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސީދާ ޤާނޫނުއަސާސީއިން ލާޒިމްކުރާ އިޞްލާޙެއް ކަމަށް ވެސް އުޝާމް ފާހަގަކުރެއްވިއެވެ.
އުޝާމް ވިދާޅުވީ ޤާނޫނުއަސާސީއަށް ދެން ގެންނަންޖެހޭ އިޞްލާޙުތަކަކީ އެއަށް ޢަމަލުކުރުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީ ލާޒިމްކުރާ އިޞްލާޙުތަކެއް ނޫން ކަމަށާއި ލޯކަލް ކައުންސިލް އިންތިޚާބަށްޓަކައި މުޅި ދިވެހިރާއްޖެ ތައްޔާރުވަމުންދާ ވަގުތު، ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން އެކުއެކީގައި ބޭއްވުމަކީ، މުޅި ރާއްޖޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިނގާނެ ޚަރަދުން އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ.
މީގެއިތުރުން އޭޖީ ވިދާޅުވީ މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށާއި ޤާނޫނުއަސާސީއަށް ދެން ގެންނަން ބޭނުންވާ އިޞްލާޙުތައްވެސް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދަނީ މިކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.

