ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ.

މަސައްކަތް ޙަވާލުކުރި ކުންފުނި، ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.
މި މަޝްރޫޢަކީ މާލޭގެ މާކެޓް ސަރަޙައްދު އިތުރަށް ތަރައްޤީކޮށް، މަސްވެރިންނާއި ވިޔަފާވެރިންނަށް އެކަށީގެންވާ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ކޮމްޕްލެކްސް ގައި ބޭސްމަންޓް – ޕާރކިންގ ބައެއް ހިމެނޭއިރު،  ގްރައުންޑް ފްލޯގައި މަސްމާރުކޭޓެއް ވެސް ހިމެނެއެވެ. މީގެ އިތުރުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯގައި ތަރުކާރީ މާރކެޓްއެއް އެޅުމަށް ހަމަޖެހިފައިވާއިރު، 4 ވަނަ ފްލޯގައި ހަމަޖެހިފައި ވަނީ ފުޑް ކޯޓެއް އެޅުމަށެވެ.

މި ކޮމްޕްލެކްސް ތަރައްޤީކޮށް ނިމުމުން، މާލޭގެ ވިޔަފާރި ބަނދަރާއި މާކެޓް ސަރަޙައްދަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ އިމާރާތް ކުރުމުގެ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދަކީ އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ ސަރަޙައްދަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އެ ސަރަޙައްދުގެ މަގު ފުޅާކޮށް، ތާރު އަޅުމަށްފަހު އެ ސަރަހައްދު ވަނީ ތަރައްޤީކޮށްފައިވާއިރު،  ބޯޓުތަކާއި، މަސް ދޯނިތައް ކައިރި ކުރާ ބަނދަރު ސަރަޙައްދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިމިގެންދާއިރު، އެ ސަރަޙައްދުގެ މަލަމަތި ބަދަލުވެ، މުޅި އެ ސަރަޙައްދަށް ބޮޑު ލުޔެއް އަންނާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: