މާލޭ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރަމުން ނުދާކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޯތު ހާބަރުގެ ފީތައް ބޮޑުކުރަން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމަށް ވެސް ބަޔާނުގައިވެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނޯތު ހާބަރުގެ އޭ ޒޯން ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވާފައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މިހާރު ދަނީ އެ ހިދުމަތްތައް ފެށުމަށް ކުރަންޖެހޭ ތައްޔާރީތައް ވަމުންނެވެ.
މީގެ އިތުރުން، ހިދުމަތް އަވަސްކުރުމުގެ ގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލުކުރަމުންދާ އުސޫލަށް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ބަދަލުތައް ގެނެސްފައިވާއިރު، މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މަސްވެރިކަން ކުރާ އޮޑިދޯނިފަހަރަށް ޚާއްސަކޮށްފައިވާ ”ޑީ ޒޯން“، ”އީ ޒޯން“ އަދި ”އެފް ޒޯން“ ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީއެއް ނުނަގާނެކަން އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.
އެމްޕީއެލް ބުނި ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢަށްފަހު މި ޒޯންތައް އަލުން ހުޅުވާލިއިރު ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތަކަށް އެ ސަރަހައްދު ބޭނުންނުކުރެވޭ ގޮތަށް ނިންމި ނިންމުމެވެ.
އެމްޕީއެލްއިން އިތުރަށް ބުނެފައިވަނީ، ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފަތުރަމުން ގެންދާތީއ އެކަމާ ކަންބޮޑުވާކަމަށެވެ. އަދި އެފަދަ ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ބަޔާނުގައި ވަނީ އެދިފަ އެވެ.

