މީގެ ކުރިން މި ދެ އިންތިހާބު އެއްކޮށް ނުބޭއްވުނީ ރާއްޖޭގެ ސިޔާސީ ނިޒާމު ބަދަލުވެގެން ދިޔަ މަރުހަލާގައި ވަގުތު ކުޑަވުމުގެ ސަބަބުންކަން ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ބޭފުޅުންގެ ވާހަކައިން އެނގިގެންދާކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެން މިއަދު ހުޅުމާލެ، ފޭސް ދޭއްގެ ހިޔާ ފްލެޓު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ދެއްވި އިންޓަވިއުއެގަ އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭ ރިފެރަންޑަމް ވޯޓު ކައުންސިލް އިންތިހާބާއި އެކު އޮންނާނެ އެވެ. އަދި ސަރުކާރުން ފާހަގަކުރާ ގޮތުގައި މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ހަރަދު ކުޑަކުރުމާއި، ސިޔާސީ ގޮތުން އިންތިހާބަށް އޮންނަ ނުފޫޒުތައް ނައްތާލުމެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަށް، އިދިކޮޅު އެމްޑީޕީގެ އާންމު މެންބަރުން ވެސް ތާއީދު ކުރާކަމަށް ފަލާހު ވިދާޅުި އެވެ. ފަލާހު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ބަދަލަކީ މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުންނާއި، ހާއްސަ މަޖިލީހުގެ ގިނަ މެންބަރުން ވެސް ގެންގުޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ މީގެ ކުރިން މި ދެ އިންތިހާބު އެއްކޮށް ނުބޭއްވުނީ ރާއްޖޭގެ ސިޔާސީ ނިޒާމު ބަދަލުވެގެން ދިޔަ މަރުހަލާގައި ވަގުތު ކުޑަވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މިހާރު އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ހާއްސަ މަޖިލީހުގެ ކުރީގެ މެންބަރުން ވެސް އޭރު މިކަމަށް ބާރުއެޅިކަން ހާމަކުރަމުންދާކަމަށް ވިދާޅުވިއެވެ.
ސިޔާސީ ލީޑަރުންގެ ތާއީދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަހަރުގެ ޖެނުއަރީ މަހު ކުރެއްވި ޓްވީޓެއްގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ތާއީދުކުރެއްވި ކަމަށެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި އާންމު ރައްޔިތުންގެ 90 އިންސައްތައަށް ވުރެ ބޮޑު ތާއީދެއްއޮތް ކަމެއްކަން ސާފުވާކަމަށް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ތެރެއިން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ދެކޮޅު ހަދަނީ ސިޔާސީ މަންފާ ހޯދުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިއީ އެ ޕާޓީއަށް ރައްޔިތުންގެ އެއްވެސް ތާއީދެއް ނެތް ވަގުތެއްކަމަށްވުމާއި އެކު ސިޔާސީ ހަލަބޮލިކަމެއް އުފައްދައި ބޭނުން ވަނީ ރައްޔިތުން ސަރުކާރާ ދެކޮޅު ކުރުވަންކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރުންނާއި ހުރިހާ ޕާޓީތަކެއްގެ މެންބަރުންވެސް މިކަމަށް ތާއީދުކުރޭ… ނަމަވެސް މިއަދު އިދިކޮޅު ފަރާތްތަކުން މިއާ ދެކޮޅު ހަދަނީ ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ނުވަތަ މިވަގުތު އެބޭފުޅުންނަށް އޮތް ތާއީދު ކުޑަވުމުންކަމަށް ބެލެވޭ…
މީގެއިތުރުން ފަލާހު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުންނަކީ ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު ހޮވޭ ބަޔަކަށް ވެގެންދާނެ ކަމަށެވެ. އަދި ވަނީ ރިޔާސީ އިންތިހާބަށް ފަހު އަންނަ މަޖިލިސް އިންތިހާބުގައި ވޯޓުލާ ނިސްބަތް ވަރަށް ބޮޑުތަނުން މަދުކަން ފާހަގަކުރައްވާފަ އެވެ. ފަލާހު ވަނީ ދައުލަތުގެ ބަޖެޓުންނާއި ކެންޑިޑޭޓުންގެ އަމިއްލަ ޖީބުން ކުރާ ބޮޑެތި ހަރަދުތައް ވެސް ސަލާމަތްވާނެކަމަށް ވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވި ގޮތުގައި، މަޖިލިސް އިންތިޚާބަކަށް ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުވެއެވެ.
ފަލާހު ވިދާޅުވީ، ދެ އިންތިހާބު ވަކިން ބޭއްވުމުން ކޮރަޕްޝަނާއި ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އަދި އިންތިހާބުތައް އެއްކޮށް ބޭއްވުމުން، އަލަށް ހޮވޭ ސަރުކާރަކަށް ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފޯކަސް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

