ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި: ކޮންމެހެން އެނގުން މުހިންމު ކަންކަން!

ހިމަބިހި ޖެހިފައިވާ ކުއްޖެއް - ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމަބިހި(Measles) ނުވަތަ ހިމަ ބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.

ހިމަބިހި ޖެހެނީ “މީސްލްސް ވައިރަސް”(Measles) ގެ ސަބަބުންނެވެ. މިއީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ “މޯބިލިވައިރަސް”(Morbillivirus) ގެ ވައްތަރެކެވެ. މިއީ އާރުއެންއޭ ވައިރަސް އެކެވެ. އިންސާނުންގެ ހަށިގަނޑަކީ މިވައިރަސް ގެ ނަސްލު ދަމަހައްޓުމަށް ހިޔާވަހިކަން ހޯދާ ހިޔާވެއްސެވެ. އެއްވެސް އެހެން ދިރޭއެއްޗެއްގައި މިވައިރަސް ރިޒާވަރެއްގެ ގޮތުން ހުންނަކަން ހޯދިފައެއް ނުވެއެވެ. ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގައެވެ. މިއީ ހިމަބިހީގެ ބަލި ފަތުރާ މުއްދަތު (Infectious period)އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ބުނެވެއެވެ.

ހިމަބިހީގެ ވައިރަސް ހިޔާވަހިކަން ހޯދައިގެން ތިބެނީ ބަލިޖެހިފައި ހުންނަ މީހާގެ ކަރާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތް ދުލި ފަށަލަަ އިގެ ތެރޭގައެވެ. އެހެންކަމުން ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދެއެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާޞިލްވެ، އެމީހަކަށް ބަލި ޖައްސުވައެވެ. ހަމަ މިހެން ވައިރަސް އާއި ތަޣައްޔަރުވެފައިވާ އެއްޗަކަށް މިސާލަކަށް ބަލިމީހާ ގެންގުޅޭ ޓިޝޫ، ރުމާ، ތުވާލި ފަދަ އެއްޗެއްގައި އަތްލުމަށްފަހު، ސަލާމަތުން ހުރި މީހާ އަތްނުދޮވެ، އަނގަޔަށް އަތްލައިފިނަމަ އެމީހަކަށް ބަލިޖެހިދާނެ އެވެ. ވައިރަސް އާއި ތަޣައްޔަރުވެފައިވާ ތަކެތީގައި ހީވާގިކަމާއެކު ވައިރަސް 2 ގަޑިއިރުގެ މުއްދަތަށް ދިރިދެމި ހުރެއެވެ. ހަމަ މިހެން ކެއްސާއި ކިނބިހިއެޅުމުގެ ތެރޭގައި ވައިގެ ތެރެއަށްދާ ވައިރަސް ވެސް ރައްކާތެރިކަމާއެކު 2 ގަޑިއިރެއްހާއިރު ދިރިހުރެއެވެ.

ހިމަބިހި ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތަކީ ގަދަޔަށް ހުން އައުމެވެ. އާންމު ގޮތެއްގައި ހިމަބިހި ޖެހުމުން އަންނަ ހުން ހުންނަނީ 38 ޑިގްރީ ސެލްޒިއަސް އަށްވުރެ މަތީގައެވެ. ބައެއް ފަހަރު ހުންގަދަވެގެން ގޮސް 40 ޑިގްރީ ސެލްޒިއަސް އަށް ވެސް އަރައެވެ. އެއަށްފަހު ފެންނަ އަލާމާތްތަކުގެ ތެރޭގައި ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން، ކިނބިހިއެޅުން، ކަރުތެރެ ހަލާކުވެ ފާރުވުން، ކެއްސުން، ވަރުބަލިވުން، ނުތަނަވަސްވުން، ގައިގައި ނުވަތަ މަސްތަކުގައި ރިހުން، އަދި ކާހިތްނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. ވަރަށް ގިނަ ފަހަރު ލޯރަތްވެ،ލޮލަށް ލޭއެރި، ހިރުވައި، ދުޅަވެ، އައްޔަށް ތަހައްމަލު ނުކުރެވޭގޮތް (އަލިވުމުން އުދަނގޫވުން) ދިމާވެއެވެ.

މަދުން ނަމަވެސް ހަށިގަނޑުގެ އެކި ހިސާބު ތަކުގައި ގޮށްލުމަކީ ވެދާނެ ގޮތެކެވެ. ހިމަބިހި ހުރިކަން އާންމު ގޮތެއްގައި ދެނެގަނެވެނީ ބަލިޖެހިފައިވާ މީހަކާއި މާގައިގޯޅިކޮށް އުޅުނުތޯ ބެލުން، ބަލީގެ އަލާމާތްތައް ހުރިތޯ ބެލުން، އަދި ޚާއްޞަކޮށް ބައްޔާއި ގުޅިގެން ހަށިގަނޑުގައި ނަގާ ބިހިތައް ހުރިތޯ ބަލައިގެންނެވެ. އަދި މީގެ އިތުރުން 3 ދުވަހަށްވުރެ ދިގުމުއްދަތަކަށް 38 ޑިގްރީއަށް ވުރެ މަތީގައި ހުން ހުރިތޯ ވެސް ބަލައެވެ.

ބައެއް ފަހަރު ލޭގެ ޓެސްޓެއް ވެސް ހަދަން ޖެހިދާނެ އެވެ. އެއީ ހިމަބިހިތޯ ޔަގީންކުރުމަށާއި، އަދި އެހެން ބައްޔެއްގެ ސަބަބުން ކުރިމަތިވާ އުދަނގޫ ތަކެއްތޯ ދެނެގަތުމަށްޓަކައެވެ. ބަލި ޔަގީންކުރުމަށް ބައްޔާއި ދެކޮޅަށް ހަށިގަނޑުގައި ހަށިދަމަނަ އުފެދިފައި ހުރިތޯ ބަލަންޖެހެއެވެ. ނޭފަތުން ނުވަތަ އަނގައިގެ ތެރެއިން ފައިބާ ދަވަ، އަރިދަފުސް ފަދަ އެއްޗެއް ނަގައިގެން އެ ވަކި މީޑިއަމް އެއްގައި ހައްދައި ދިރުވައިގެން ވައިރަސް ހުރިތޯ ދެނެގަނެވެއެވެ. ބައެއް ހާލަތުގައި ނިއުމޯނިޔާގެ އަސަރު ހުރިތޯ ޔަގީންކުރުމަށްޓަކައި މޭގެ އެކްސްރޭ އެއް ވެސް ނަގަން ޖެހިދާނެ އެވެ.

އާންމު ގޮތެއްގައި ގިނަ ކުޑަކުދިންނާއި މީހުންނަށް ހިމަބިހި ޖެހުނަސް ވަރަށް އަވަހަށް މާބޮޑު ނުރައްކާތަކެއް ކުރިމަތި ކުރުވުމަކާ ނުލައި ރަގަޅު ވެއެވެ. ގޭގައި ވީވަރަކުން އަރާމުކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުން، އަދި ދިމާވެފައިވާ އުދަނގޫތަކަށް ޑޮކްޓަރު ދީފައިވާ ބޭސްތައް ގަވާޢިދުން ބޭނުންކުރަމުން ގެންދިއުން ރަގަޅުވާނެ އެވެ.

ނަމަވެސް ގޭގައި މިކަންކަން ފުރިހަމަކުރަމުން ދަނިކޮށް ކުއްޖާގެ ޙާލަތު ގޯސްވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަންވާނެ އެވެ. ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މިބައްޔަށް ވަކި ޚާއްޞަ ފަރުވާ އެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. އެއީ ބަލީގެ ޙާލަތު ގޯސްވެ، ނުރައްކާތެރ ިޙާލަތަކަށް ބަދަލުވެފައި ނުވާނަމަ އެވެ. ބައްޔާއި ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުދަނގޫތައް މެދުވެރި ނުވާނަމަ، އާންމު ގޮތެއްގައި 2 ހަފްތާގެ ތެރޭގައި ބަލި ފަސޭހަވެ ދެއެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާ ދޭން ޖެހެއެވެ. ހިމަބިހި ޖެހުމުން އެންމެ އެދެވިގެންވަނީ ރަގަޅަށް އަރާމުކުރުމެވެ. ހިމަބިިހން ރައްކާތެރިވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ހިމަބިހިން ރައްކާތެރިވުމަށް ބޭނުންކުރެވޭ ވެކްސިން ޖެހުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: