ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ގ. މާވަނި ހުސައިން ސަނީ އުމަރުގެ މައްޗަށް ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލައި، މައްސަލަ ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ސަނީ އުމަރުގެ މައްޗަށް މިއަދު ކޯޓަށް ހުށަހެޅި ދައުވާތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދައުވާއަކާއި، ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ދެ ދައުވާއެއް ހިމެނެއެވެ.
ހުސައިން ސަނީ އުމަރުގެ މައްޗަށް އުފުލާފައިވާ މައިގަނޑު ދައުވާތަކަކީ:
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ތިން ދައުވާ: މި ދައުވާތައް އުފުލާފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކަށް އުމުރުން ހަތް އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮގަސްޓާ ހަމައަށް އެކި ދުވަސްމަތިން ޖިންސީ ގޯނާކުރި މައްސަލައަކާއި، އިތުރު ދެ ކުއްޖެއްގެ ގަޔަށް އަތްލި މައްސަލަ ހިމެނެއެވެ. މި ކޮންމެ ކުށަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު އަދަބެއް އަންނާނެއެވެ.
- ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ: މި ދައުވާ އުފުލީ ސަނީ އުމަރުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވި، ފޯނު ހަވާލުކުރަން ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
- ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދައުވާ: މި ދައުވާ އުފުލާފައިވަނީ އޭނާ ގެންގުޅުނު ސިމް ކާޑުގެ މައުލޫމާތު އޮޅުވާލައި ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީއެވެ. މި ކުށަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެއެވެ.
ޕީޖީ އޮފީހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތައް ސާބިތުވެއްޖެނަމަ، ޤާނޫނުގައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެގޮތަށް ކަނޑައަޅައިފިނަމަ، ސަނީ އުމަރުގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު އަދަބެއް އަންނާނެކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާނއި މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު 30ގައިވާ މާއްދާއާއި، ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތް ކޮށް އޭނާ މިހާރު ހުރީ 2 ޖަނަވަރީ 2026 އިން ފެށިގެން ޝަރީއަތް ނިމެންދެން ބަނުގައެވެ. ގެ ތަހުގީގުގެ ބޭނުމަށް ހުސައިން ސަނީ އުމަރު މީގެ ކުރިން އޭނާގެ ގެއަށް ގެނައުމަށްފަހު އަނބުރާ ގެންގޮސްފައިވާއިރު، މިދިޔަ ޖަނަވަރީ މަހުން ފެށިގެން އޭނާ ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ.

