ތެލުގެ އަގު އުފުލުމާއި ގުޅިގެން ރަށްރަށަށް ދަތުރުކުރާ ލޯންޗް ފެރީތަކުގެ އަގު އިންތިހާއަށް ބޮޑުވެއްޖެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ސަންގަށް ދެމުން ފެރީތައް ހިންގާ އެކި ފަރާތްތަކުން ބުނެފައިވަނީ ޓިކެޓުގެ އަގު ބޮޑު ކުރަށް މަޖުބޫރުވީ ކަމަށެވެ. ތެލަށް އައި ކުއްލި ބަދަލާއި އެކު މިއައި ބަދަލުތަކާއި ގުޅިގެން ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން އެ ހިދުމަތްތަކުގެ އަގު ބޮޑު ކުރަން ފަށާފައިވާކަން ވަނީ ފާހަގަ ވެފައެވެ.
ފެރީތަކަށް ބަލާއިރު މާލެއިން ށ. އަތޮޅަށް 1200 ނުވަތަ 1300 އަށް އަގުތަށް އަރާފައިވާއިރު ރ. އަތޮޅަށް 800 ގައި ހުރި ޓިކެޓު އަގު މިހާރު ހުރީ 1000އަށް ބޮޑުވެފައެވެ.
“އަހަރެމެން ދަތުރަކަށް ދެކޮޅަށް 80،000 ތެލަށް ހަރަދުކުރަން އެބަ. ޓިކެޓު އަގު ބޮޑު ކުރަން މަޖުބޫރު ވީ. މިހާރު ހުރި އަގުގައި ދަތުރު ފަށައިފިނަމަ 60،000 ދާނީ ގެއްލުމުގައި. މިއީ ރާއްޖެއަށް ހަމައެކަނި ދިމާވި މައްސަލައެއް ނޫން. މުޅި ދުނިޔެއަށްވެސް މިކަމާއި އޮތީ ކުރިމަތިލާން ޖެހިފައި، އެކަން ގަބޫލުކުރަން“ ފެރީ ހިދުމަތްދޭ ފަރާތެއް ސަންގަށް ވަނީ ކިޔާދީފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުމާއި ގުޅިގެން އެންމެ އަވަހަށް ނޭދެވޭ އަސަރެއް ކުރި ލިސްޓުގައި ތެލާއި ގޭސް ހިމެނެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނު އެކުލަވާލި ހާއްސަ ކޮމިޓީން ވެސް ވަނީ ބުނެފައެވެ.
އެގޮތުން ސަބްސިޑީގެ އިތުރަށް އެސްޓީއޯގެ ފައިދާއިން ބައެއް ލައިގެން ތެލުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. ތެޔޮ ލިބިމުގައި ދަތިކަމެއް ނެތް ނަމަވެސް ތެލުގެ އަގަށް ބަދަލު އަންނާނެ ކަމަށް ސަރުކާރުންވެސް ވަނީ ބުނެފައެވެ.

