އާއްމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތްތަކުގެ އިތުރަށް މަސްވެރިންނަށް އެސްޓީއޯއިން ވިއްކަމުންދާ ތެޔޮ ހެޔޮ އަގުގައި ލިބޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް އާއްމުންނަށް ބޭނުންވާ ތެލުގެ އަގަށް ބަދަލު ނުގެނައުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެސްޓީއޯއިން ބުނީ ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ”ފަހިހަކަތަ“ ޕްރޮގުރާމުގެ ދަށުން، ސަބްސިޑީ ދީގެން ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދެމުން އައި އައުން މެދުނުކެނޑި ކުރިއަށްދާނެއެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގެ އެފްއެސްއެމް ފިއުލް ޝެޑްތަކާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އާއްމުންނަށް މާލީ ގޮތުން އިތުރު ތަކުލީފުތަކެއް އުފުލަން ނުޖެހޭނެކަން ކަށަވަރުކުރުމެވެ. އެގޮތުން ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގަށް އައި ބަދަލުތަކަށް ފަހު، މިހާތަނަށް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް އިތުރު ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރައްޔިތުންނަށް ތެޔޮ ލިބޭ އަގު ހެޔޮކޮށް ބެހެއްޓުމަށްޓަކައި ސަރުކާރުން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެސްޓީއޯގެ ޑިވިޑެންޑުން ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ މިންވަރު ބޭނުންކޮށްގެން ތެލުގެ އަގު ހެޔޮކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އަންނަ ތަފާތު ކުޑަކުރުމަށްޓަކައި 150 މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މި ފިޔަވަޅުތަކުގެ ބޭނުމަކީ ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ދިވެހި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމެވެ.

