ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކީ ޤާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކުރިއަށްގެންދާ ވޯޓެއްކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
ކައުންސިލްތަކުގެ އިންތިހާބާއި އެކު ބޭއްވުމަށް ނިންމާފައިވާ މި ވޯޓަކީ، ފެބުރުވަރީ 10 ގައި މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ.
ގާނޫނުއަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލު ކުރާ އިސްލާހެއް ތަސްދީގު ކުރެވޭނީ ރިފެރެންޑަމް ވޯޓެއް ނަގައި އެކަމަށް ރައްޔިތުންގެ އަޢުލަބިއްޔަތު ލިބުމުންނެވެ.
އެހެންވެ އޭޕްރިލް 04 ގައި މިކަމާއި ގުޅޭ ވޯޓު ނެގުމަށް ރައީސް މުއިއްޒު މިދިޔަ މަހުގެ 16 ގައި ގަރާރު ނެރުއްވީ އެވެ. ގަރާރު ބާތިލުކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި، ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.
ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރުނު ބަޔާނުގައި އެންމެ ފުރަތަމަ ވެސް ފާހަގަކުރީ ބިލު ހުށަހެޅި ދެ މަގްސަދެވެ. އެގޮތުން ފާހަގަކުރީ އެއީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާއި، އެކަން އިދާރީގޮތުން މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ފެށޭ ތާރީޚު 1 ޑިސެންބަރަށް ބަދަލުކޮށް، މިހާރު ހިނގަމުންދާ މަޖިލީހުގެ ޢުމުރު 5 އަހަރަށްވުރެ ކުރުކުރުމެވެ.
ބަޔާނުގައި ބުނެފައި ވަނީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުން، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގައި، އޭގެ އަޣުލަބިއްޔަތު ލިބުމުން ކަމަށެވެ. އަދި މި ބިލުން އިޞްލާޙުކުރާ 79 ވަނަ މާއްދާގެ (ހ) އަކީ މިގޮތަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ މާއްދާއަކަށް ވާތީ، މި ބިލު ތަސްދީޤު ކުރެވޭނީ ރައްޔިތުން އެކަމަށް ރުހުން ދިނުމުންކަމަށް ވަނީ ބުނެފަ އެވެ.
މި ވޯޓާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގެ ސުވާލު ވެސް ބަޔާނުގައި ހިމަނާފައި ވެއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު“ އާ އެއްގޮތަށް ނެރުއްވި މި ޤަރާރުގައި، ރައްޔިތުންނާ ކުރާނެ ސުވާލަކީ: ”ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ މިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނިގޮތުގައި، މި ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ސުވާލެކެވެ. އަދި ސަރުކާރުން މިހާތަނަށް މިކަމުގައި އަމަލުކޮށްފައި ވަނީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުގެ މަތިންކަމަށް ވަނީ ބުނެފަ އެވެ.

