ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައްސާމްގެ މައްސަލާގައި ހިމެނޭ އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް : ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ގ. ފަހިވާގެ، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅޭ ބައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިއީ ބައްސާމްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް އެ ކޯޓުން ކަނޑައެޅިއިރު، އެފްއޭއެމްގެ އެއްމިލިއަން ޑޮލަރުގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށް ނިންމި ނިންމުމާ ގުޅޭ ބައެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ ފައިސާއަކީ އެފްއޭއެމްއާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ހިނގި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ.

ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ދަށު ކޯޓުގެ ފަނޑިޔާރު އެ ފައިސާއަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަމަށް ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކޮށްގެން ކަމަށް ފެންނާތީ އެވެ. އަދި މި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަކީ ވެސް ގާނޫނާ ހިލާފު ނިންމުމެއްގެ ގޮތުގައި އެ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނެގުމަށާއި، ހުރިހާ ހެކިތަކެއް އަލުން ވަޒަންކުރުން އަދި އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާއިމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހވީލުކޮށްދިނުމަށެވެ.

ޕީޖީ އޮފީހުން ބުނީ މީގެ ސަބަބުން ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް މިހާރު ކަނޑައަޅާފައިވާ ނިންމުމަށް އިސްތިއުނާފުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެއީ ބައްސާމްގެ މައްޗަށް ކުށް ސާބިތުވީ އެފްއޭއެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭ ބައިތަކެއްގައިކަމަށްވާތީއާއި، އެ ބައިތަކަށް ދައުލަތުން އިސްތިއުނާފުގައި ތަޢުނުކޮށްފައި ނުވާތީކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މި މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑަރ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުންވެސް ޕީޖީ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: