ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއް ދުވަސް، ދެ އިންތިޚާބު: އެފިޝަންސީ ނުވަތަ ޑިމޮކްރެޓިކް ޗެލެންޖް؟

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިންތިޚާބީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ކުރެވެމުންދާ މިދަނޑިވަޅުގައި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަކީ ސިޔާސީ މައިދާނުގައި ބޮޑު ބަހުސެއް އުފެދިފައިވާ ކަމެކެވެ.

އިންތިޚާބަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ ބިންގަލަށް ވާއިރު، މިހާތަނަށް ރާއްޖޭގައި އަމަލުކުރަމުން އައީ މި ދެ އިންތިޚާބު މަސްތަކެއްގެ ފަރަގަކާއެކު ވަކިވަކިން ބޭއްވުމަށެވެ. ނަމަވެސް އިދާރީ ޚަރަދުތަކާއި ލޮޖިސްޓިކަލް ގޮންޖެހުންތަކުގެ ސަބަބުން މި ދެ އިންތިޚާބު އެއްކޮށްލުމުގެ ވިސްނުން މިހާރު ވަނީ ވަރަށް ބޮޑު ބަހުސްއަކަށް ވެފައެވެ.

ފެންނަންހުރި ހަގީގަތަކީ އެއް ދުވަހެއްގައި ގިނަ އިންތިޚާބުތަކެއް ބޭއްވުމަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ކާމިޔާބުކަމާއެކު ކުރަމުންދާ ކަމެކެވެ. މިގޮތުން އިންޑޮނޭޝިއާއަކީ ފާހަގަކޮށްލެވޭ މިސާލެކެވެ. އެ ޤައުމުގައި ރައީސަށާއި، ޤާނޫނު ހަދާ މަޖިލީހަށާއި، ސަރަހައްދީ މަންދޫބުން ހޮވުމަށް އެއްފަހަރާ ވޯޓުލައެވެ. މިއީ ’އެފިޝަންސީ‘ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޤައުމުން ދެކެއެވެ.

ހަމައެފަދައިން، ސްވިޑަންގައި ޤައުމީ، ސަރަޙައްދީ އަދި މުނިސިޕަލް އިންތިޚާބުތައް ބާއްވަނީ އެއް ދުވަހެއްގައެވެ. ތުރުކީގައި ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބު އެއްފަހަރާ ބާއްވާއިރު، ފިލިޕީންސް، ބެލްޖިއަމް އަދި ޖަރުމަނު ފަދަ ޤައުމުތަކުގައިވެސް އެކި ފަންތީގެ އިންތިޚާބުތައް އެއްކޮށްލައިގެން ބޭއްވުމުގެ އުސޫލުތައް ގެންގުޅެއެވެ. މިކަމުން ދޭހަވަނީ މިއީ ބައިނަލްއަޤުވާމީ ގޮތުން ބަލައިގަނެވިފައިވާ، އަދި އިދާރީ ގޮތުން ފަސޭހަ މޮޑެލްއެއް ކަމެވެ.

ތާއީދުކުރާ ފަރާތްތަކުގެ ބަހުސާއި ފައިދާތައް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކުރާ ބޭފުޅުން އެންމެ ބޮޑަށް ދައްކާ އެއް ހުއްޖަތަކީ ’ކޮސްޓް އެފިޝަންސީ‘ ނުވަތަ ޚަރަދު ކުޑަކުރުމެވެ. އިންތިޚާބެއް ބޭއްވުމަށް ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ހޭދަވާއިރު، ދެ އިންތިޚާބު އެއް  ދުވަހެއްގައި ބޭއްވުމުން އިދާރީ ޚަރަދުތަކާއި، އޮފިޝަލުންނަށް ކުރާ ހޭދަ އަދި ލޮޖިސްޓިކަލް ޚަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ.

މީގެ އިތުރުން، ވޯޓުލާ މީހުންނަށް ލިބޭނެ ފަސޭހައަކީވެސް މުހިންމު ކަމެކެވެ. އެއް ދުވަހަކު ވޯޓުލާން ދިއުމުން އާންމުންގެ ވަގުތު ސަލާމަތްވެ، ތަކުރާރުކޮށް ވޯޓުލާން ދާންޖެހޭ ޖެހުމަށް ނިމުމެއް އަންނާނެއެވެ. އަދި އިދާރީ ގޮތުން ވޯޓާސް ލިސްޓް މެނޭޖްކުރުމާއި ވޯޓުލާ މަރުކަޒުތައް ޤާއިމުކުރުން ފަދަ މަސައްކަތްތައް އެއްފަހަރާ ނިންމާލުމަކީ އިލެކްޝަންސް ކޮމިޝަނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

ކަންބޮޑުވުންތަކާއި ޑިމޮކްރެޓިކް ގޮންޖެހުންތައް

ކޮންމެއަކަސް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާ ބޮޑުނަމަވެސް، ގިނަ ފާޑުކިޔުންތަކެއް  ވަނީ އަމާޒުވެފައެވެ. އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ވޯޓުލާ މީހުންގެ މެދުގައި އުފެދިދާނެ އޮޅުންތަކެވެ. އެއްފަހަރާ ގިނަ ވޯޓު ކަރުދާސްތަކެއް ދިނުމަކީ، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އުނދަގޫ ކަމަކަށް ވެ، ބާތިލް ވޯޓު އިތުރުވުމުގެ ފުރުސަތު އޮތް ކަމެކެވެ.

ސިޔާސީ ގޮތުން ބަލާއިރު، ރިޔާސީ ކެމްޕޭނުގެ ފޯރީގެ ތެރޭގައި މަޖިލިސް ކެންޑިޑޭޓުންގެ ވަކިވަކި ސިޔާސަތުތަކަށް ދެވޭ ސަމާލުކަން ކުޑަވެދާނެއެވެ. މީގެ ސަބަބުން ރައްޔިތުންގެ މަޖިލީހަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބިނާވެފައިވާ ތަނަކަށް ވުމުގެ ބިރު އެބައޮތެވެ. މީގެ އިތުރުން، އެއްފަހަރާ ދެ އިންތިޚާބެއްގެ ވޯޓު ގުނުމަކީ އޮފިޝަލުންނަށް ބުރަވެ، ނަތީޖާ އިއުލާނުކުރުން ލަސްވެ، ނުތަނަވަސްކަން އުފެދިދާނެ ކަމެކެވެ.

ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދެ އިންތިޚާބު އެއްކޮށްލުމަކީ އިޤްތިޞާދީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ފައިދާތަކެއް ހުރި ކަމެއް ކަމެވެ. ނަމަވެސް، މިއީ ހަމައެކަނި ޚަރަދު ކުޑަކުރުމުގެ ނަޒަރަކުން ބަލަންޖެހޭ ކަމެއް ނޫނެވެ. ޑިމޮކްރެޓިކް ހަމަތަކާއި، ވޯޓުލާ މީހުންގެ ހޭލުންތެރިކަމާއި، އަދި އިލެކްޝަންސް ކޮމިޝަނުގެ ގާބިލުކަމަށް ރިއާޔަތްކޮށް، ފުރިހަމަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނޫނީ މިފަދަ ބޮޑު ބަދަލެއް ގެނައުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރިމަތިވެދާނެ ގޮންޖެހުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: