1447 ވަނަ އަހަރުގެ ފިތުރު ޒަކާތް ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ 18:00 އާއި ހަމައަށް ބަލައިގަންނާނެކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
ޒަކާތު ހަައުސް އިން ބުނީ މިހާރު ޒަކާތުގެ ފައިސާ އޮންލައިންކޮށް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ކަމަށެވެ.
މޯލްޑިސް ޒަކާތު ހައުސް އިން ވަނީ މިއަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުން ރޯދަމަހުގެ ފުރަތަމަ ދުވަހު ފަށާފައެވެ. އަދި އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށް އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި އެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަން ފާހަގަކުރެވެވެއެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ޒަކާތު ހައުސް އިން ހަމަޖައްސާފައިވާކަން ފާހަގަކުރެވޭއިރު ބަނޑޭރި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްޞަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާތީ، ރަމަޟާން މަހު ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ވެސް ޒަކާތު ހައުސްއިންވަނީ އިޢުލާންކުރައްވާފައެވެ. މިގޮތުން ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކަކީ :
22 ފެބްރުއަރީން 9 މާރިޗްއަށް: ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު: 10:00 އިން 13:00 އަށް
10 މާރިޗް އިން 19 މާރިޗްއަށް: ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: 11:00 އިން 14:00 އަށެވެ.
މީގެ އިތުރުން މިއަހަރުގެ ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައި، މިމަހުގެ 14 ވީ ހޮނިހިރު ދުވަހުން ފެށިގެން 18 ވާ ބުދަ ދުވަހުގެ ނިޔަލަށް މި މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައްވެސް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފައެވެ.
މާލޭގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގައެވެ.
ޒަކާތުގެ ގޮތުގައި ބަލައިގަންނަ ބާވަތްތައް
މި އަހަރު ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަ ބާވަތެކެވެ. އެ ބާވަތްތަކަކީ:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކުވެސް ރަމަޟާން މަސް ނިމުމުގެ ކުރިން އަދާކުރަންޖެހޭ ދީނީ ވާޖިބެކެވެ. ގޮވާމުން ޒަކާތް ދައްކާއިރު، އެމީހަކު އާންމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރު ދައްކަންޖެހޭނެއެވެ.
ފިތުރު ޒަކާތަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ދެއްކުން ވާޖިބު، ދީނުގެ އެއްރުކުނެވެ.

