ރ.މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަންނެވިއެވެ.
އަލަށް ޤާއިމްކުރެވޭ ހޮސްޕިޓަލް ޢިމާރާތާއެކު އެކްސްރޭގެ ޚިދުމަތާއި އަލްޓްރާ ސައުންޑް ސްކޭން، ޕިޒިއޯތެރަޕީގެ ޚިދުމަތްތައް އިތުރުވެގެންދާނެއެވެ. މިއާއެކު 10 ޕްރައިވެޓް ރޫމާއި އައިސީޔޫގެ އިތުރުން އޮޕަރޭޝަން ތިއޭޓަރ ހޮސްޕިޓަލް ޚިދުމަތާއެކު އިތުރުކުރެވޭނެއެވެ.
ހަމަމިއާއެކު، ޒަމާނީ ފެންވަރުގެ އީ.އާރެއް ގާއިމްކުރެވި މި ޢިމާރާތާއެކު އައިސޮލޭޓްކޮށްގެން ފަރުވާންދޭންޖެހޭ ފަރާތްތަކަށް ވަކިން ޚިދުމަތް ދެވޭނެގޮތަށް ވަކި އައިސޮލޭޝަން ފެސިލިޓީއެއްވެސް ޤާއިމްކުރެވިގެންދާނެއެވެ. ރ. މީދޫގައި ޢިމާރާތްކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިމަޝްރޫޢުގެ އަގަކީ، 108.9 މިލިއަން ރުފިޔާއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 570 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިސަރުކާރުން އަންނަނީ މާއެއަށް ބަރޯސާނުވެ ސިއްޙީ ހިދުމަތްތައް އަތޮޅުތެރެއިން ލިބުމުގެ އިންތިޒާމްތައް ފުޅާކުރުމުގެ ގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ލެބޯރެޓަރީގެ ޚިދުމަތާއި ޢާއްމު ބައެއް ޓެސްޓްތައް ރަށުގައި ތިބިގެން ހެދުމުގެ ފުރުޞަތު ފަހިކުރުމަށް އަތޮޅު ތެރޭގައި ހޮސްޕިޓަލްތަކާއި ލެބޯރެޓަރީރައް ޤާއިމްކުރުމުގެ މަސަތއްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ.

