ރާއްޖޭގައި ހަރަކާތްތެރިވާ ކުދި އަދި މެދު ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަކޮށްގެން 2019 ގައި ގާއިމްކޮށްފައިވާ އެސްޑީއެފްސީ، މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލް އަށް 7 އަހަރު ފުރުން މިއަދު ފާހަގަކުރާއިރު، ފާއިތުވެދިޔަ ހަތް އަހަރު ދުވަހުތެރޭ ރާއްޖޭގެ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާ ގޮތުގައި އެސްއެމްއީ ޑިޖިޓަލް އިން ހަރަކާތްތެރިވަމުން އަންނަ އިރު މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ ކުދި ވިޔަފާރިތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިއެވެ.
2019ވަނަ އަހަރު 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި މި މުއައްސަސާއިން، މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. މިއީ ވިޔަފާރީތަކަށް އެކި މަރުހަލާތަކުގައި ބޭނުންވާ ފަދަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެކެވެ. މި މާލީ ނިޒާމަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތައް ކުރިއަރުވައި، އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ހޯދައިދީ ބާރުވެރިކުރުވުމަށްޓަކައި ގާއިމްކޮށްފައިވާ ފުރިހަމަ އިންތިޒާމެކެވެ.
އެސްއެމްއީ ޑިޖިޓަލްގެ ޕްރޮޑަކްޓްތައް ބައްޓަންކޮށް ފައިނޭންސް ފޯރުކޮށްދޭ ދާއިރާތަކަށް ބަލާއިރު؛
- އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން
- ހިނގަމުންދާ ވިޔަފާރިތައް ތަރައްގީ ކުރުމަށް ހާއްސަ މާލީ އެހީތެރިކަން
- ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ އިތުރަށް ފުޅާކުރުން
- ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުމަށް ހިންގޭ ތަފާތު ސްކީމްތައް
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުސަތުތަކުގެ އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ފަދަ ވިޔަފާރިތަކަށް ބަދަލުވެ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ ބޮޑެތި މަންފާތަކަށް ލިބިގެން ގޮސްފައިއެވެ. މީގެ އިތުރުން، އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް، އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ހާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ސިނާއަތްތައް ހިމެނޭހެންކަމުން އެކި ދާއިރާތަކަށް ބޭނުންވާފަދަ މާލީ އެހީތެރިކަން ފޯރުކޮށްދެވެއެވެ. އެހެންކަމުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދުފަހަރާއި މުދާ އުފުލާ ބޯޓުފަހަރު ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދެއެވެ.
ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ ހޯދުމަށްވެސް ފައިނޭންސިންގ ފޯރުކޮށްދެއެވެ.
ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ފަތުރުވެރިކަން ކަމުގައިވާއިރު، މިދާއިރާގައި ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ދާދިފަހުން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމާއި އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ތަފާތު އެކި މާލީ އެހީ ވަނީ ފޯރުކޮށްދީފައިއެވެ.

