ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބިލު ހުށަހެޅީ އެކަށީގެންވާ ދިރާސާއާއި މަޝްވަރާއަށް ފަހު: އުޝާމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ބިލު ހުށަހެޅީ އެކަށީގެންވާ ދިރާސާތައްކޮށް، ކުރެވުނު ފުޅާ މަޝްވާރާތަކާއި އެކުކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އިންތިހާބާއި އެކު ބޭއްވުމަށް ނިންމާފައިވާ މި ވޯޓަކީ، ފެބުރުވަރީ 10 ގައި މަޖިލީހުން ފާސްކޮށްފައިވާ ”ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު“ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓެކެވެ.

ގާނޫނުއަސާސީ ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ބަދަލު ކުރާ އިސްލާހެއް ތަސްދީގު ކުރެވޭނީ ރިފެރެންޑަމް ވޯޓެއް ނަގައި އެކަމަށް ރައްޔިތުންގެ އަޢުލަބިއްޔަތު ލިބުމުންނެވެ.

އެހެންވެ އޭޕްރިލް 04 ގައި މިކަމާއި ގުޅޭ ވޯޓު ނެގުމަށް ރައީސް މުއިއްޒު މިދިޔަ މަހުގެ 16 ގައި ގަރާރު ނެރުއްވީ އެވެ. ގަރާރު ބާތިލުކަމަށް ބުނެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއްކޮށްލަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ބާތިލުކޮށްދިނުމަށާއި، ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ވޯޓު ހުއްޓުވައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ ދެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައި މި ބިލު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މެމްބަރުންގެ ހިޔާލު ހުރި ގޮތުގެ މައްޗަށް ބަހުސް ކުރެވުނު ކަމަށެވެ. އަދި ތަޅުމުން ކޮމިޓީ މަރުހަލާއަށް ފޮނުވުމަށް ފަހު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ސިޔާސީ ޕާޓީތަކާއި، އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަ ނައިބުގެ އޮފީހާއި ބައްދަލު ކުރިކަން ވެސް ފާހަގަކުރެއްވި އެވެ. އެއަށް ފަހު އާންމުކޮށް ހުޅުވާލައިގެން އާނާމު ފަރާތްތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުނުކަން ވެސް ފާހަގަކުރެއްވި އެވެ.

އަޅުގަނޑު ގަބޫލުކުރަނީ ހަމަ ސަރުކާރުން އެކަށީގެންވާ ފެންވަރުގެ ދިރާސާކުރުމަށް ބިލަކީ އެކަށީގެންވާ ފެންވަރުގެ ދިރާސާކުރުމަށްފަހު، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްގެންދާ ކަމެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކުރާ ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ (ހ) އަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، އެ އިސްލާހެއް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެކަން ބަޔާން ކުރާކަން އުޝަމް ވަނީ ފާހަގަކުރައްވާފަ އެވެ.

އުޝާމް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގައި ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ތިން ހާލަތެއް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމަށް ބަދަލު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ބަޔާންކުރާ 79 ވަނަ މާއްދާގެ (ހ) އަށް ބަދަލު ގެނައުމުގެ އިތުރުން، ރިޔާސީ ދައުރާ ގުޅޭ 107 އަދި 108 ވަނަ މާއްދާއަށް ބަދަލު ގެނައުން ހިމެނޭކަމަށް އުޝާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނުއަސާސީގެ އިސްލާހު ގެނައުމުގެ ބިލުން މިކުރާ ކަމަކީ 79 ވަނަ މާއްދާގެ (ހ) އިސްލާހު ކުރަނީ. އެ ބިލް ރަނގަޅަށް ބައްލަވާލައްވައިފިއްޔާ ވަރަށް ސާފުކޮށް ފެންނާނެ ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނާ އުސޫލު ބަދަލުކޮށްފައިވާކަން

އުޝާމް ވިދާޅުވީ ކުރިން އޮތް ގޮތުން މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށް އޮތް ނަމަވެސް، އަލަށް ގެނައި އިސްލާހުގައި މަޖިލީހުގެ އުމުރު ގުނަން ފަށާ ތާރީޚަކީ 1 ޑިސެމްބަރު ކަމަށް ކަނޑައަޅައި، އެ މާއްދާ އެއްކޮށް އެއްކޮށް އިސްލާހުކޮށްފައިވާކަމަށެވެ. އަދި ވިދާޅުވީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އަކުރުތަކަށް ބަލާއިރު، 79 ވަނަ މާއްދާގެ (ހ) އަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ ރައްޔިތުންގެ ގާތުގައި އަހަންޖެހޭ ކަމަށެވެ. އެހެންކަމުން، މި ބިލު ތަސްދީގު ކުރުމުގެ ކުރިން ގާނޫނުއަސާސީގައި ބަޔާންކުރާ އެ ޝަރުތުތައް ފުރިހަމަވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: