އިދިކޮޅު ފަރާތްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ސަރުކާރާއިއެކު މަސައްކަތްކުރަން ތިބެންޖެހޭ ބައެއްކަމަށް ޓުއަރިޒަމް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާ ’ޑޯޓު ޑޯ‘ ޙަރަކާތުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ޠާރިޤް ވިދާޅުވީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލެއް އޮތުމުން އެ ދާއިރާތަކުން ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ފަސޭހަތަކުގެ އިތުރުން މުޅި މާލެ ސިޓީއަށް ބޭނުންވާ ކަންކަން ކޮށްދެއްވަން ފަސޭހަވާނެ ކަމަށެވެ. މިހާރު ކުރިއަށްދާ ޑޯޓުޑޯ ޙަރަކާތަކީ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައި، މާލެ ސިޓީއަށް ބޭނުންވާ ތަރައްޤީ ގެނައުމަށް ކުރެވޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް އައިއިރު މިހިނގާ ސިޓީ ކައުންސިލުން މާބޮޑު މުހިންމު ކަމެއް ކުރެވިފައި ނެތް ކަމަށެވެ. އަދި މިހާރުވެސް މަގުތަކުގެ ކަންމަތީގައި ނަންބޯޑެއް ނޫނީ ޝިއާރެއް ހުއްޓަސް އެއީ ރައީސް ޑރ. މުޢިއްޒުގެ މޭޔަރު ކަމުގައި ކުރެވިފައިވާ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއަށްއޮތް ތަނުގައިވެސް ޕީއެންސީގެ މެޖޯރިޓީ އޮންނަ ކައުންސިލްތަކެއް އޮތުމަކީ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތަކެއް ވާނެ ކަމެއް ކަމަށް ޠާރިޤް ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ޕީއެންސީގެ މެޖޯރިޓީ ނޯންނަ ކައުންސިލްތަކުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހުރަސްތައް ކުރިމަތިކުރެއެވެ.
މިސާލެއްގެ ގޮތުން ކުނިކޮށި އެޅުމުގެ މަސައްކަތަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، ސަރުކާރުން ކައުންސިލްތައް ޝާމިލްކޮށްގެން މަސައްކަތްކުރަން އުޅުނަސް، އިދިކޮޅު ކައުންސިލްތަކުން ބިން ހަވާލުނުކުރުމާއި، ބިން ހަވާލުކުރިއަސް ކޮންޓްރެކްޓަރު އެދޭ ގޮތަށް ތަންތަން މާކު ނުކޮށްދިނުން ފަދަ ކަންކަން ކުރަމުންދާ ކަމަށެވެ.
”ސަރުކާރުގެ މެޖޯރިޓީ އޮންނަ ކައުންސިލެއްނަމަ ރައްޔިތުން އެދޭގޮތަށް ކަންކަން ކުރަން ސަރުކާރަށް ފަސޭހަވެ އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެ،“ ޠާރިޤް ވިދާޅުވިއެވެ.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް ލަޅައެއް ދައްކަމުންދާއިރު، އިންތިޚާބު ކާމިޔާބުކުރުމަށް އެ ޕާޓީން މާބޮޑު މަސައްކަތެއް ކުރާ މަންޒަރެއް ނުފެންނަ ކަމަށެވެ. އޭގެ ސަބަބަކީ މިވަގުތު އެމްޑީޕީގައި އެވަރުގެ ”ބުންވަރެއް“ ނެތުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނިންމާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މި ރޯދަމަހު ގްރޭޓަރ މާލެ ސަރަޙައްދުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ، ކުރިއަށްއޮތް އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުން ބޭނުންވާ ތަރައްޤީއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ހާމަވާ ކަމެއް ކަމަށެވެ.

