އެމެރިކާއާއި އިސްރާއީލުން ފެބްރުއަރީ 28 ވަނަ ދުވަހު ފުރަތަމަ ފަހަރަށް އިރާނަށް ޙަމަލާދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް، މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށްވުރެ މައްޗަށް އުފުލިދާނެ ކަމުގެ އިންޒާރު މާހިރުން ދީފިއެވެ.
މި ހަމަނުޖެހުންތަކަށް ތިން ހަފުތާވެސް ނުވަނީސް، ބާޒާރު ދިރާސާކުރާ ފަރާތްތަކުން މިހާރު ލަފާކުރަނީ ތެލުގެ އަގު 150 ޑޮލަރާއި 200 ޑޮލަރާ ދެމެދުގެ މިންވަރަކަށް އުފުލުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
މާރިޗު 9 ވަނަ ދުވަހު، ދުނިޔޭގެ ތެލުގެ އަގު ކަނޑައަޅާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 120 ޑޮލަރަށް އެރިއިރު، މާރިޗު 13 އިން ފެށިގެން މިހާތަނަށް އަގުތައް 100 ޑޮލަރަށްވުރެ ތިރިވެފައެއް ނުވެއެވެ. މާރިޗު 18 ވަނަ ދުވަހު އިސްރާއީލުން އިރާނުގެ ’ސައުތު ޕާސް‘ ގޭސް ފީލްޑަށް ދިން ޙަމަލާއާ ގުޅިގެން، ރައްދުގައި އިރާނުން ޤަޠަރާއި، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތެލާއި ގޭސް އުފައްދާ މަރުކަޒުތަކަށް ޙަމަލާދިނުމުން، ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 108 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
އާންމު ޙާލަތްތަކުގައި ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޯރްމޫޒް ކަނޑުއޮޅި، ކުރިއަށް އޮތް ހަފުތާތަކުގައިވެސް ބަންދުވެފައި އޮވެއްޖެނަމަ، ތެލުގެ އަގު މިހާރަށްވުރެ މާ ބޮޑަށް އުފުލިގެންދާނެ ކަމަށް މާހިރުން އެއްބަސްވެއެވެ.
ތެލުގެ ބާޒާރު ދިރާސާކުރާ ’ވޭންޑާ އިންސައިޓްސް‘ ގެ ބާނީ ވަންދަނާ ހަރީ ވިދާޅުވީ، ”މެދުއިރުމަތީގެ ތެލުގެ ބާޒާރުގައި އޮމާން އަދި ދުބާއީ ކްރޫޑްގެ އަގު މިހާރުވެސް 150 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ“ ކަމަށެވެ. އެހެންކަމުން ބްރެންޓް އަދި ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓްގެ އަގުތައް 200 ޑޮލަރަށް އެރުމަކީ މިހާރު ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ކުރީކޮޅު އީރާނުން ކަނޑުއޮޅި ބަންދުކުރިކަން އިޢުލާންކޮށް، އެ ސަރަޙައްދުން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ކަނޑުގެ ދަތުރުފަތުރުތައް ވަނީ މުޅިންހެން ހުއްޓިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އަސްކަރީ އެހީތެރިކަން ހޯދުމަށް ކުރެއްވި މަސައްކަތަށް ބައިނަލްއަޤުވާމީ އެއްބާރުލުން ލިބިފައެއް ނުވެއެވެ. ނަމަވެސް، އިންޑިއާ، ޕާކިސްތާން، ތުރުކީ އަދި ޗައިނާ ފަދަ ޤައުމުތަކުން ދަނީ އީރާނާއެކު ވަކިވަކި އެއްބަސްވުންތައް ހަދައިގެން މަދު އުޅަނދުތަކެއް ދަތުރުކުރަމުންނެވެ.
ބައިނަލްއަޤުވާމީ އެނާޖީ އެޖެންސީއާ ގުޅިގެން 400 މިލިއަން ފީފާގެ ތެޔޮ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާ ރިޒާވްތަކުން ބާޒާރަށް ނެރުމަށް ޤައުމުތަކުން އެއްބަސްވެފައިވީ ނަމަވެސް، މިއީ ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ތެޔޮ ފޯރުކޮށްދިނުމުގެ ދަތިތަކަށް އޮތް ފުރިހަމަ ޙައްލެއް ނޫން ކަމަށް މާހިރުން ދެކެއެވެ. ތެލުގެ އަގު ދެން މައްޗަށްދާނެ މިންވަރު މުޅިންހެން ބިނާވެފައި އޮތީ ހޯރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނަ މުއްދަތެއްގެ މައްޗަށެވެ.

