ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދު، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައި، ސައުދީއާއި ގަލްފުގެ އަވަށްޓެރި ޤައުމުތަކަށް އަމާޒުކޮށްދޭ ހަމަލާތަކަށް ކެތްތެރިވުމުގެ ފުރުޞަތު ހަނިވަމުންދާ ކަމަށް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ އީރާނުން ގެންގުޅޭ ސިޔާސަތުތައް ވަގުތުން މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ، ސައުދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ޤައުމުތަކަކީ ވަރުގަދަ އަސްކަރީ އަދި އިސްތިރާޖީ ޤާބިލުކަން ލިބިފައިވާ ޤައުމުތަކެއް ކަމަށާއި، ބޭނުންޖެހިއްޖެ ހިނދެއްގައި އެ ވަސީލަތްތަކުގެ ބޭނުން ހިފާނެ ކަމަށެވެ.
އީރާނުގެ ޑިޕްލޮމެޓުން މި ހަމަލާތަކުގައި ބައިވެރިވިކަމަށް އިންކާރު ކުރި ނަމަވެސް، މިއީ ވަރަށް ބޮޑަށް ރޭވިގެން ދީފައިވާ ހަމަލާތަކެއްކަން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”މި ހަމަލާތަކުގެ ސައްހަކަމާއި އަމާޒަށް ބަލާއިރު، މިއީ އިއްތިފާގަކުން ވީކަމެއް ނޫން ކަމަށާއި، މިއީ ކުރިއާލާ ރާވައި، އިންތިޒާމުކޮށްގެން ހިންގާފައިވާ އަމަލުތަކެއްކަން ސާފުވޭ،“ ޕްރިންސް ފައިސަލް ވިދާޅުވިއެވެ.
އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ސައުދީން ދިފާޢީ ފިޔަވަޅެއް އަޅާނީ ކޮން ކަމަކާ ގުޅިގެން ކަން ކުރިއާލާ ހާމަނުކުރި ނަމަވެސް، ރައްދު ދިނުމުގެ ފުރިހަމަ ޤާބިލުކަން އެބަހުއްޓެވެ.
ޕްރިންސް ފައިސަލްގެ މި އިންޒާރު އައިސްފައިވަނީ، ސަރަޙައްދުގައި ފުޅާވަމުންދާ ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާކުރުމަށް އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ރިޔާޟްގައި ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ބުދަ ދުވަހު އީރާނުން ވަނީ ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އޭގެ ތެރޭގައި ޤަޠަރުގެ ’ރަސް ލައްފާން‘ ގޭސް މަރުކަޒާއި ޔޫ.އޭ.އީ ގެ ’ހަބްޝާން‘ ގޭސް މަރުކަޒު ހިމެނެއެވެ.
ޤަޠަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ’ރަސް ލައްފާން‘ އިންޑަސްޓްރިއަލް ސިޓީއަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މި މަރުކަޒަކީ ދުނިޔޭގެ ބާޒާރަށް ބޭނުންވާ އެލް.އެން.ޖީގެ ގާތްގަނޑަކަށް 20 އިންސައްތަ ފޯރުކޮށްދޭ، ދުނިޔޭގައި އެންމެ ގިނައިން އެލް.އެން.ޖީ އުފައްދާ އެއް މަރުކަޒެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ސައުދީން މިހާރު ގެންގުޅޭ ކެތްތެރިކަމަކީ ވަކި މުއްދަތެއް ނެތް ކަމެއް ނޫން ކަމަށާއި، އީރާނުން އެ ޤައުމުގެ ސިޔާސަތުތައް އަވަހަށް މުރާޖަޢާކޮށް ހަމަލާތައް ހުއްޓާލާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ނަމަވެސް އެފަދަ ބުއްދިވެރި ނިންމުމެއް ނިންމުމުގެ ވިސްނުން އީރާނުގެ ކިބައިގައި ހުރިކަމާމެދު ޝައްކުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

