ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވަން: ރައީސް ޑރ. މުއިއްޒު

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފިޠުރު ޢީދު ބައްދަލުކުރީ އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން، ފަލަސްޠީނާއި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހައި ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވައި، އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ޢީދުގެ އާދަކާދަތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޢީދު ހަދަންވާނީ ކާބަފައި ޒަމާނުއްސުރެ ޢީދާ ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް، ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ކަމަށެވެ.

 ”ކާބަފައި ޒަމާނުއްސުރެ ޢީދާއި ގުޅިފައިވާ ރީތި އާދަތައް ދިރުވައި އާލާކޮށް ދިވެހިންގެ އަމިއްލަވަންތަކަމާއި އެއްބައިވަންތަކަމުގެ އަގުހުރި ރަމްޒަކަށް ޢީދު އަބަދުވެސް ހަދަންވާނެ،“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޢީދުގެ އުފާ ފާޅުކުރާއިރު މާތް ﷲއަށް ޙަމްދުކޮށް، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކޮށް، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުމަށް އިލްތިމާސްކުރެއްވިއެވެ. ޢީދުގެ ހަރަކާތްތައް އިންތިޒާމުކުރުމުގައި އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށްވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ރަމަޟާން މަހުން ލިބިގަތް ފިލާވަޅުތަކުގެ ބޭނުން ހިފުމަށް ބާރުއަޅުއްވަމުން، ރަނގަޅު ބަސްބުނުމާއި، ހެޔޮ ޢަމަލުތައް ކުރުމާއި، ކެތްތެރިކަން އިސްކުރުމަށް ރައީސް ނަސޭޙަތްތެރިވެވަޑައިގަތެވެ. އަދި ޝައްވާލު މަހުގެ ހަ ރޯދައާއެކު އަޅުކަމުގެ މަތީގައި ދެމިތިބުމަށް ހިތްވަރު ދެއްވިއެވެ. ރައީސްގެ ޚިޠާބު ނިންމަވާލެއްވީ އިސްލާމީ އުންމަތަށް ނަޞްރާއި ރައްކާތެރިކަން ދެއްވައި، ކުރިއަށް އޮތް އަހަރަކީ ރާއްޖެއަށް ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.

މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މީސްމީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: