ފިޠުރު ޢީދު ދުވަހާ ގުޅިގެން މާލެ ސަރަޙައްދުގައި ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ދޭނެ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި ބަދަލުތަކަކީ ޢީދު ނަމާދާއި ޢީދުގެ މުނާސަބަތުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ގެނެސްފައިވާ ބަދަލުތަކެކެވެ.
ބަހުގެ ޚިދުމަތަށް ގެނެވުނު ބަދަލުތައް
އެމްޓީސީސީން އާންމުކޮށްފައިވާ ގޮތުގައި މާލެ ސަރަޙައްދުގައި މާދަމާ ބަހުގެ ޚިދުމަތް އާންމުކޮށް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ޖަހާއިރުއެވެ. ނަމަވެސް، ހުޅުމާލެ ދެފިޔަވައްސާއި މާލެއިން އެއަޕޯޓަށް ކުރާ ދަތުރުތައް އެއަށްވުރެ ކުރިން ފެށުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލެ ދެ ފިޔަވަހިން އެއަޕޯޓަށް ކުރާ ދަތުރުތައް ފަތިހު 5:30 އިން ފެށިގެން 6:35 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި މާލެއިން އެއަރޕޯޓަށް ބަސްދަތުރު ފަށާނީ ހެނދުނު 6:40 ގައެވެ.
ވިލިމާލޭގެ ބަހުގެ ޚިދުމަތަށް ބަލާއިރު، ޢީދު ނަމާދުގެ ވަގުތާ ދިމާކޮށް ހެނދުނު 6:00 އިން 8:00 އަށް ބަހުގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
ފެރީގެ ޚިދުމަތްތަކަށް ގެނެވުނު ބަދަލުތައް
މާލެއާއި ވިލިމާލެއާ ދެމެދު ކުރާ ފެރީ ދަތުރުތަކުގެ ތެރެއިން ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ ހެނދުނު 6:30 ގައެވެ. އަދި ޢީދު ނަމާދަށްފަހު އަލުން ދަތުރުތައް ފަށާނީ ހެނދުނު 8:00 ގައެވެ. މާލެއިން ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 14:00 ގައެވެ. މީގެ އިތުރުން، މާލެއާއި ތިލަފުއްޓާ ދެމެދު ކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 ގެ ފަހުންނެވެ.
އަތޮޅުތަކުގެ ދަތުރުތަކާއި ޓާމިނަލްތަކަށް ގެނެވުނު ބަދަލު
އެމްޓީސީސީން އިތުރަށް ވިދާޅުވީ، އަންނަ ހޯމަ ދުވަހުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލްއިން ލަފާފުރާ އަތޮޅު ފެރީތައް މާފަންނު ފެރީ ޓާމިނަލްއާއި ހުޅުމާލެ ފެރީ ޓާމިނަލް މެދުވެރިކޮށް ލަފާފުރާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ޢީދު ބަންދާ ގުޅިގެން އާދިއްތަ ދުވަހަކީ ބަންދު ދުވަހަކަށް ވާތީ، ހުޅުމީދޫ، ފޭދޫ އަދި ފުވައްމުލައް ރޫޓުގެ ކާގޯ ފެރީ ދަތުރުތައް ކެންސަލްކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

