ހަނގުރާމައިގެ ބޭނުމަށް އިގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވާ ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް، އީރާނުން މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ދަތުރުމަތީގައި ފެއިލްވެފައިވާއިރު، އަނެއް މިސައިލް ވަނީ ކަނޑުގެ ސަރަހައްދުގައި އޮތް އެމެރިކާގެ މަނަވަރަކުން ފޮނުވާލި ”އިންޓަރސެޕްޓަރ“ އެއް ބޭނުންކޮށްގެން ވައްޓާލާފައެވެ.
ޑިއޭގޯ ގާސިއާއަކީ މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތަކަށް އެމެރިކާއިން ބޭނުންކުރާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ މުހިންމު މަރުކަޒެކެވެ. މީގެ ކުރިން ބެލެވިފައި އޮތީ އެ މަރުކަޒަކީ އީރާނުގެ މިސައިލް ހަމަލާތައް ފޯރާނެ ދުރުމިނެއްގައި އޮތް ތަނެއް ނޫން ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާ ދީފައިވަނީ، ތެހެރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

