ގިރާވަރުފަޅު ބިންހިއްކުމުގެ މަސައްކަތް އޭޕްރިލް މަހުގެ ތެރޭގައި ނިންމާ، ޖޫން މަހު ގޯތިތައް ހަވާލު ކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގިރާވަރުފަޅު ހިއްކާފައިވާ ސަރަހައްދުގެ ފޮޓޯއެއް އާއްމުކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށެވެ. އަދި އޭޕްރިލް މަހު ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމި، ސަރވޭގެ މަސައްކަތްތައް ނިންމުމަށްފަހު ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ދެ ޑްރެޖަރު ބޭނުންކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ބިންހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރު ފަޅުގެ މަސައްކަތް ކަމަށް ފެބްރުއަރީ މަހުގެ ތެރޭގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، މިހާރު އެކުލަވާލާފައިވާ ޕްލޭންގައި ޖުމްލަ 4,072 ގޯތި ހިމެނެއެވެ. މީގެ ތެރޭގައި ކުރިން އުނިވެފައިވާ 610 ގޯތިވެސް މިހާރު ވަނީ ހިމަނާފައެވެ. ސަރުކާރުން ވަނީ މި މަޝްރޫއުގެ ދަށުން ގިރާވަރުފަޅުން ހިއްކާ ބިމުގެ ސަރަހައްދަށް 113 ހެކްޓަރު އިތުރުކުރުމަށްވެސް ނިންމާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުނީ، ގޯތިތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ކުރިއަށް އޮތް ތަނުގައި އާންމުކޮށް ހިއްސާކުރާނެ ކަމަށެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމުމާއެކު، ގޯތި ލިބުނު ފަރާތްތަކާ ބިން ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

