އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމުގެ ތައްޔާރީތަކުގެ ތެރެއިން މައިގަނޑު ބޮޑެތި މަސައްކަތްތައް ނިމިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފިއެވެ.
އީސީން ހާމަކުރި ގޮތުގައި ވޯޓާސް ރެޖިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފައެވެ.
މީގެ ތެރޭގައި އިންތިޚާބާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ބަލައި ނިންމުމާއި، ރީ-ރެޖިސްޓްރޭޝަންގެ އެންމެހާ މަރުހަލާތައް ހިމެނެއެވެ. އިދާރީ އަދި ލޮޖިސްޓިކް ގޮތުން ބަލާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ބޭއްވޭނެ އެންމެ ބޮޑު އިންތިޚާބުކަން ފާހަގަކުރަމުން އީސީން ބުނީ ވޯޓުލާ މަރުކަޒުތައް ކަނޑައަޅައި، ކެނޑިޑޭޓުންނާ ގުޅޭ ހުރިހާ މަސައްކަތެއްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތަމްރީނުތަކާ ގުޅޭގޮތުން އީސީން ބުނީ އޮބްޒާވަރުންނާއި މަންދޫބުން އަދި މޮނިޓަރުންނާ ގުޅޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި އޮބްޒާވަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ރިފްރެޝާ ޕްރޮގްރާމެއް މި މަހުގެ 24 ވަނަ ދުވަހު ފެށުމަށް ވަނީ ރޭވިފައެވެ. މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތަކީ ވޯޓު ކަރުދާހުގައި ކެނޑިޑޭޓުން ސޮއިކުރުމުގެ މަރުހަލާއެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 296,000 އަށްވުރެ ގިނަ މީހުންނަށް ލިބިގެންވާއިރު، 8,000 އަށްވުރެ ގިނަ މޮނިޓަރުން ހަރަކާތްތެރިވާނެއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް މޮނިޓަރުން ބައިވެރިވާ ފަހަރެވެ. 2020 ވަނަ އަހަރާ އަޅާބަލާއިރު ކެނޑިޑޭޓުންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކޮށް، އީސީން ބުނީ މިއީ ސިޔާސީ ކަންކަމުގައި ރައްޔިތުންގެ ޝައުޤުވެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

