ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ނަން ހިމެނޭ ގޮތަށް އެމެރިކާގެ ޕްރޮސިކިއުޓަރުން ދެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ދެ ތަހުގީގާ ބެހޭ މަޢުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ހުކުރު ދުވަހު އެންމެ ފުރަތަމަ މި ޚަބަރު ރިޕޯޓްކޮށްފައިވާއިރު، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ތަހުގީގުތަކަކީ ސީދާ ރައީސް ޕެޓްރޯއަށް އަމާޒުކޮށްގެން ހިންގާ ތަހުގީގުތަކެއް ނޫނެވެ. މި ތަހުގީގުތައް ބޮޑަށް ބިނާވެފައިވަނީ ލެޓިން އެމެރިކާގައި ހިންގާ މަސްތުވާތަކެތީގެ ވަގުފާރީގެ މައްޗަށެވެ.
ނަމަވެސް، ނިއުޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ބްރޫކްލިން އަދި މެންހަޓަންގެ އެމެރިކާގެ އެޓަރނީން ދަނީ 2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެހީ ހޯދުމަށް ޕެޓްރޯ މަސްތުވާތަކެތީގެ ވަގުފާރި ކުރާ ފަރާތްތަކާ ބައްދަލުކުރެއްވިތޯ ބަލަމުންނެވެ. އަލްޖަޒީރާއިން މި ރިޕޯޓުގެ ސައްހަކަން އަދި މިނިވަންކަމާއެކު ކަށަވަރުކޮށްފައެއް ނުވެއެވެ.
މި ތުހުމަތުތަކާ ގުޅިގެން ހުކުރު ދުވަހުގެ މެންދުރުފަހު ރައީސް ޕެޓްރޯ ވަނީ ބަޔާނެއް ނެރުއްވައި އެކަން ދޮގުކުރައްވާފައެވެ. މިއީ އެމެރިކާއާއި ކޮލަމްބިއާގެ ގުޅުމަށް އަނެއްކާވެސް ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވެއެވެ.
”ކޮލަމްބިއާގައި މަސްތުވާތަކެތީގެ ވަގުފާރިވެރިންނާ އަޅުގަނޑާ އޮތް ގުޅުމާ ބެހޭ އެއްވެސް ތަހުގީގެއް ނެތް. އޭގެ ސަބަބަކީ ވަރަށް ސާދާ ކަމެއް؛ އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް މަސްތުވާތަކެތީގެ ވަގުފާރި ކުރާ އެއްވެސް މީހަކާ ވާހަކަދައްކާފައެއް ނުވާނެ،“ ސޯޝަލް މީޑިއާ ޕްލެޓްފޯމް ’އެކްސް‘ (X) ގައި ޕެޓްރޯ ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، ބޭންކަރުން ނުވަތަ މަސްތުވާތަކެތީގެ ވަގުފާރިވެރިންގެ އަތުން އެއްވެސް އެހީއެއް ނުހޯދުމަށް ކެމްޕޭން މެނޭޖަރުންނަށް އޭނާ އިރުޝާދު ދެއްވާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާގައި ހިންގާ މި ތަހުގީގުތަކުގެ ސަބަބުން، އެންމެ ފަހުން އޭނާގެ ކުށެއް ނެތްކަން ހާމަވެގެންދާނެ ކަމަށް ޕެޓްރޯ ވިދާޅުވިއެވެ. އަދި މިފަދަ ފިތުނަވެރި ވާހަކަތައް ފަތުރަނީ ކޮލަމްބިއާގެ ކަނާތު ފިޔަހީގެ އިދިކޮޅު ފަރާތްތަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެޓްރޯގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލާފައެއް ނުވެއެވެ. އަދި މި ތަހުގީގުތައް އަދި އޮތީ ވަރަށް ކުރީގެ މަރުހަލާއެއްގައެވެ. ނަމަވެސް، ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި މި ރިޕޯޓް އައިސްފައިވާ ވަގުތަކީ ވަރަށް މުހިންމު ވަގުތެކެވެ. އެއީ އަންނަ މެއި މަހުގެ 31 ވަނަ ދުވަހު ކޮލަމްބިއާގައި ބާއްވާ، ގިނަ ބަޔަކު ފާރަވެރިވާ ރިޔާސީ އިންތިޚާބަށް ދެ މަސް ދުވަހަށްވުރެ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
ސެކިއުރިޓީ ތިންކް ޓޭންކެއް ކަމަށްވާ ’ކޮލަމްބިއާ ރިސްކް އެނަލިސިސް‘ ގެ ޑައިރެކްޓަރ ސާޖިއޯ ގުޒްމަން އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ”މިކަން އިންތިޚާބުގެ ފުރަތަމަ ބުރުގެ ހަފުތާއެއް ކުރިން ހިނގިނަމަ، މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ބެލެވުނީސް“ ކަމަށެވެ. އަދި މިއީ އިންތިޚާބުގެ ނަތީޖާއަށް އެމެރިކާއަށް ނުފޫޒު ފޯރުވިދާނެ ގޮތް ދައްކައިދޭ އިންޒާރެއް ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮލަމްބިއާގެ ފުރަތަމަ ވާތު ފިޔަހީގެ ރައީސް ޕެޓްރޯއަށް ރިޔާސީ އެއް ދައުރަށްވުރެ ގިނައިން ހުންނެވުމުގެ ފުރުސަތެއް ނޯންނާނެއެވެ. ނަމަވެސް، މި އިންތިޚާބު ވެގެންދާނީ އޭނާގެ ހަތަރު އަހަރުގެ ދައުރާމެދު ރައްޔިތުން ދެކޭގޮތް ހާމަވާނެ ކަމަކަށެވެ.
މީގެ އިތުރުން، މި އިންތިޚާބަކީ ޕެޓްރޯގެ ’ހިސްޓޮރިކް ޕެކްޓް‘ ކޯލިޝަނަށްވެސް ކުރިމަތިވާ ބޮޑު އިމްތިހާނެކެވެ. އެ ކޯލިޝަނުގެ ކެންޑިޑޭޓް އިވާން ސެޕެޑާ މިހާރު އުޅުއްވަނީ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ކުރީގައެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަނީ ލެޓިން އެމެރިކާގެ ކަނާތު ފިޔަހީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމަށް ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޓްރަމްޕް އަލުން ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، އޭނާއާއި ޕެޓްރޯއާ ދެމެދު ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މި ދެ ބޭފުޅުންގެ ދެބަސްވުންތައް އެންމެ ބޮޑުވީ، މިދިޔަ ޖެނުއަރީ މަހު އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ، އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ވަގަށް ނެގި ހާދިސާއަށްފަހުއެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ކޮލަމްބިއާއާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ފިޔަވަޅެއް އަޅާފާނެތޯ ރިޕޯޓަރަކު ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، ”އެއީ އަޅުގަނޑަށް ވަރަށް ރަނގަޅު ކަމެއް“ ކަމަށެވެ. ނަމަވެސް، މަސްލަހަތު ފިނިކުރުމުގެ ގޮތުން ފަހުން ޓްރަމްޕާއި ޕެޓްރޯ ފޯނުން ވާހަކަދައްކަވައި، ބައްދަލުކުރެއްވުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

