ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެފޯޑަބަލް ހައުސިން މަޝްރޫއުގެ 1224 ޔުނިޓުގެ މަސައްކަތް އިފްތިތާހުކޮށްފި އެވެ.
މިކަމަށްޓަކައި މިރޭ ހުޅުމާލެ ފޭސް ތިނެއްގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތް ކުރާ އަގުހެޔޮ ފްލެޓުތަކުގެ ތެރެއިން، ބިންގާ އަޅާފައި ވަނީ، ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)ގެ ފަރާތުން އިމާރަތް ކުރާ ޔުނިޓުގެ މަސައްކަތުގެ ބިންގާއެވެ.
މިރޭގެ ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ޗެއާޕާސަން އަހުމަދު އަލީ ހަބީބު އަދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މީގެއިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ކޮންސްޓްރަކްޝަން ކުންފުނީގެ ޗެއާމަން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބީީއެމްއެލްއިން ބުނީ މި ހައުސިން ޔުނިޓުތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށެވެ.

