މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއްބައިކަމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުންނެވެ.
މުއްތަލިބުގެ ވާހަކަ ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ފާހަގަކުރެއްވީ މާލޭގައި ރައީސުލްޖުމްހޫރިއްޔާ ކުރިޔަށް ގެންދެވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ބައްދަލުވުމުގައި ރައްޔިތަކު އޭނާގެ ހާލަތު ކިޔައިދިން ގޮތެވެ. އެގޮތުން އުމުރުން 22 އަހަރުގެ ރޫޔާ ނަމަކަށް ކިޔާ ޒުވާން އަންހެކު އެރޭ ހިއްސާކުރީ ބޯހިޔާވަހިކަމުގެ ދަތިތަކުގެ ސަބަބުން ކުރިމަތިލާން ޖެހޭ އެތައް ހިތްދަތި ވާހަކަތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެރޭގެ ޖަލްސާގައި އެ ޒުވާނާ ވަނީ ބަލި ހާލަތުގެ ގޮތުން އޮކްސިޖަން މެޝިނެއްގެ އެހީގައި ނޭވާލާންޖެހޭ ރޫޔާ ވަނީ، އޭނާގެ ބައްޕައަށް ލިބިފައިވާ 10 ފޫޓު 15 ފޫޓުގެ ކުޑަކުޑަ ބިމެއްގައި ބޮޑު އާއިލާއަކާއެކު އުޅެންޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ ވާހަކަ ރައީސާ ހިއްސާކޮށްފައެވެ. ވައި ދައުރުނުވާ ކޮޓަރިއެއްގައި އުޅެންޖެހުމުން ބަލި ހާލަތު އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށް، ދައުލަތުގެ ބޯހިޔާވަހިކަމުގެ އެހީތެރިކަމަށް އެ އާއިލާއިން އިންތިހާއަށް ބޭނުންވެފައިވާ މިންވަރު އޭނާ ހިއްސާ ކުރި އެވެ.
މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތީ ވަރަށް ދަށުގަ. މަނިކުފާނު ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ކުރެއްވޭފަދަ ޖާގައެއް ބަޖެޓުގަ ނެތް. ބޭރުން ލޯނު ލިބުން އޮތީ ނުހަނު ދަތި ކަމަކަށް ވެފަ. މަނިކުފާނު އަޅުގަނޑުމެން މިނިސްޓަރުންނަށް އެންގެވީ ތަފާތުކޮށް ވިސްނާ ހައްލު ހޯދުމަށް. ކަންކަން ކުރެވޭނެ މަގު ހޯދުމަށް. ނަތީޖާއަކީ މަނިކުފާނުގެ ދުރުވިސްނުމާއެކު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ހައްލުތަކެއް ހޯދައިގެން ދިއުން… އާދެ، މިއަދު މި ބިންގާ އެޅިގެންދަނީ އެފަދަ ތަފާތު ވިސްނުމަކުން އުފެދިގެންއައި ހައްލެއްގެ ތެރެއިން އުފަންވި މަޝްރޫއެއް. މޯލްޑިވްސް މަނިތަރީ އޮތޯރިޓީގެ ގަވާއިދަށް ގެނައި ބަދަލާއެކު ބޭންކުތަކަށް މަޖުބޫރުވެފައިވަނީ ހެޔޮ އަގުގަ ބޯހިޔާވަހިކަން ހޯދުމަށް ފައިނޭންސް ކުރުމަށް. އެއާއެކު ރައްޔިތުންގެ ބޭންކު، އާދެ ބޭންކް އޮފް މޯލްޑިވްސް އިން އިސްނަގައި 3,260 ހައުސިން ޔުނިޓު އަޅައި ރެންޓު އޯން މޮޑެލްގެ ބޯހިޔާވަހިކަން އަމިއްލަކުރުމުގެ ފުރުސަތު ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަށް ނިންމެވި.
މުއްތަލިބު ވިދާޅުވީ ރޫޔާގެ ހާލަތަކީ މާލޭގެ ގިނަ އާއިލާތަކަކަށް ކުރިމަތިވެފައިވާ ހަގީގަތެއްކަމަށާއި، ރައީސް މުއިއްޒުގެ ސިޔާސަތުތައް ބައްޓަންކުރައްވާފައި ވަނީ މިފަދަ ނިކަމެތި ހާލުގައި އުޅޭ އާއިލާތަކަށް އިސްކަންދީ، ބޯހިޔާވަހިކަމެއް ނެތް ކޮންމެ އާއިލާއަކަށް އެ ފުރުސަތު ހޯދައިދިނުމުގެ މައްޗަށް ކަމަށެވެ.
ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ދަނޑިވަޅެއްގައިކަމަށްވާއިރު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ބަޖެޓުގައި ޖާގަ ނެތުމާއި ބޭރުން ލޯނު ހޯދުމަށް ހުރި ދަތިތަކާއި އެކުވެސް، ރައީސްގެ އިރުޝާދަކީ ތަފާތުކޮށް ވިސްނައިގެން ރައްޔިތުންނަށް ހައްލު ހޯދައިދިނުންކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި ބަދަލާއެކު، ބޭންކުތަކުން ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމަށް މަގުފަހިވެގެން ދިއުމުން، މީގެ ނަތީޖާއެއްގެ ބީއެމްއެލްއިން 3,260 ހައުސިންގ ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއެއް ފެށިގެން ދިއުންކަމަށް މުއްތަލިބު ވިދާޅުވި އެވެ. ”ރެންޓް ޓު އޯން“ މޮޑެލްއަށް ހިންގާ މި މަޝްރޫއަކީ މަހު އާމްދަނީ 60,000 ރުފިޔާއަށްވުރެ ދަށުގެ އާއިލާތަކަށް ހާއްސަ ކުރެވިފައިވާ ސޯޝަލް ހައުސިންގ މަޝްރޫއެކެވެ.
މުއްތަލިބު ވިދާޅުވީ ބީއެމްއެލްގެ ޗެއާޕާސަން އަހުމަދުއާއި، ސީއީއޯގެ ލީޑަރޝިޕްގެ ދަށުން، އެ ބޭންކަކީ ހަމައެކަނި ފައިދާ ހޯދާ ތަނެއްގެ ބަދަލުގައި ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ބައިވެރިއަކަށް ވެފައިވާ ކަމަށެވެ.
މީގެ އިތުރުން، ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ އިތުރު މަޝްރޫއުތައް ވެސް މިހާރު ވަނީ އިއުލާން ކުރެވިފައިވާއިރު މުއްތަލިބު ވަނީ އެހެނިހެން ބޭންކުތަކާއި ކޮންޓްރެކްޓަރުން ވެސް ސަރުކާރާ ގުޅިގެން މިފަދަ މަޝްރޫއުތައް ހިންގުމަށް ދައުވަތު އަރުވާފައެވެ.
މުއްތަލިބު ވިދާޅުވީ މިއީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންނަށްޓަކައި މަސައްކަތްކޮށް ނަތީޖާ ނެެރެދޭނެ ސަރުކާރެއް ކަމަށެވެ.

