ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޫދާނުގައި ހުންނަ ހޮސްޕިޓަލަކަށް ދިން ހަމަލާގައި 64 މީހުން މަރުވި: ޑަބްލިއު.އެޗް.އޯ

ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސޫދާނުގެ ދާރުފޫރު ސަރަޙައްދުގެ ހޮސްޕިޓަލަކަށް ދިން ޙަމަލާއެއްގައި، 13 ކުޑަކުދިން ހިމެނޭހެން މަދުވެގެން 64 މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހާމަކޮށްފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ އީސްޓް ދާރުފޫރުގެ ވެރިރަށް އަލް ދާއިންގައި ހުންނަ ”އަލް ދާއިން ޓީޗިންގ ހޮސްޕިޓަލް“ އަށެވެ.

ޑަބްލިއު.އެޗް.އޯގެ ޑައިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް މީސްމީޑިއާގައި ހާމަކުރެއްވި ގޮތުގައި، ހުކުރު ދުވަހުގެ ރޭ ދިން މި ޙަމަލާގައި ގިނަ އަދަދެއްގެ ބަލިމީހުންގެ އިތުރުން ދެ އަންހެން ނަރުހުންނާއި، ފިރިހެން ޑޮކްޓަރަކު ވެސް ވަނީ މަރުވެފައެވެ. އަދި މި ޙަމަލާގައި 89 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އަށް މުވައްޒަފުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޙަމަލާގެ ސަބަބުން ހޮސްޕިޓަލުގެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޚާއްޞަކޮށް ކުޑަކުދިންނަށް ޚާއްޞަ ބަޔާއި، ވިހާ މީހުންނަށް ޚާއްޞަ ބަޔާއި، އަދި ކުއްލި ފަރުވާދޭ ބަޔަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ހޮސްޕިޓަލުގެ ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. މީގެ ސަބަބުން އެ ސިޓީގައި ދެމުންދިޔަ ޒަރޫރީ ޞިއްޙީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޓެޑްރޯސް ވިދާޅުވި ގޮތުގައި، ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި ޞިއްޙީ މަރުކަޒުތަކަށް ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 2،000 އަށްވުރެ މައްޗަށް އަރާފައެވެ.

ޑަބްލިއު.އެޗް.އޯ އިން ކަށަވަރުކޮށްފައިވާ ގޮތުގައި، ސޫދާނުގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރު.އެސް.އެފް) އާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް މިހާތަނަށް 213 ޙަމަލާއެއް ދީފައިވެއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ މެދުތެރޭގައި ފެށުނު މި ހަނގުރާމައަކީ ދުނިޔޭގައި މިހާތަނަށް އިންސާނުންގެ ސަބަބުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިންސާނީ ކާރިސާއެވެ. މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، 12 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރިކަން ހޯދުމަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

އަލް ދާއިން ޓީޗިންގ ހޮސްޕިޓަލަށް ދިން މި ޙަމަލާގެ ފަހަތުގައިވަނީ ކޮން ބައެއްކަން އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން މަނާކަމެއް ނަމަވެސް، ސޫދާނުގެ ހަނގުރާމައިގައި މިފަދަ ހާދިސާތައް ދަނީ ތަކުރާރުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: