ޤާނޫނު އަސާސީ ނުވަތަ ޤާނޫނަކަށް ގެނެވޭ ބަދަލަކާ ގުޅިގެން އެންމެ ފަހުބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށް ޤާނޫނީ ވަކީލު ޢަލީ ޖިނާޙު ވިދާޅުވެއްޖެއެވެ.
ޖިނާޙު މިހެން ވިދާޅުވީ ’ދިވެހީންގެރާއްޖެ‘ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ޖިނާޙު ފާހަގަކުރެއްވި ގޮތުގައި ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި، ޤާނޫނު އަސާސީ ނުވަތަ ޤާނޫނަކަށް ގެނެވޭ ބަދަލަކާ ގުޅިގެން އެންމެ ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނު އަސާސީއާ ގުޅިގެން އުފެދޭ މާނަކުރުމުގެ ޚިޔާލު ތަފާތުވުންތަކުގައި ކޮންމެ މީހަކަށްވެސް ސުޕްރީމް ކޯޓަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަކި ފަރާތަކުން ޝަރުޢީ މައްސަލައެއް ކޯޓަށް ހުށަހެޅުމަކީ އެކަން އެގޮތަށް ނިމުނީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށް ޖިނާޙު ވިދާޅުވިއެވެ.
”ވަކި ފަރާތަކުން ޝަރުޢީ ވަކިކަމެއް ކޯޓަށް ގެންދިއުމަކީ އެކަން އެގޮތުގެ މަތީން ނިންމީކަމަށް ނުބެލެވޭނެ“
އަދި ވިދާޅުވީ މިއީ ރާއްޖޭގައާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ.
އިދިކޮޅު އެމްޑީޕީން ސުޕްރީމް ކޯޓުގައި މައްސަލައެއް އޮތްއިރު އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި ޖިނާޙު ވިދާޅުވީ، އިންތިޚާބު ބޭއްވުމާ މެދު ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައެޅުމުން ކަމަށެވެ. އަދި އޭޕްރީލް 4 ގައި ބާއްވާ ފެންނަ ނުފެންނަ ވޯޓު ހުއްޓާލަން ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ނުވާހާ ހިނދަކު، އެކަން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އަމިއްލައަށް ވޯޓުލުން ހުއްޓާލައިފިނަމަ އެއީ ޤައިރު ޤާނޫނީ ކަމެއްގެ ގޮތުގައި ޖިނާޙު ސިފަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުން މައްސަލަ ބަލާއިރު އިޖުރާއަތްތައް ފުރިހަމަ ކަމަށް ނިންމައި، ކުރިއަށް ގެންދަން އަމުރު ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
ނިންމަވާލައްވަމުން ޖިނާޙު ވިދާޅުވީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކޯޓަށް މައްސަލައެއް ހުށަހެޅުމަކީ ނުރަނގަޅު ކަމެކޭ ނުބުނެވޭނެ ކަމަށާއި، ނަމަވެސް އެކަމުގައި އެންމެ ފަހުގެ ނިންމުން ނިންމަވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށެވެ.

