ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕްގެ ”ޖޯކަކާއި“ ގެޅިގެން އެމެރިކާއާއި ޖަޕާން ދެމެދު ނުތަނަވަސްކަން އުފެދިއްޖެ

ފޮޓޯ: ރޮއިޓާރސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރުމުގެ ކުރިން، ކަންކަން ސިއްރުކޮށްފައި ބެހެއްޓި ސަބަބު ދިފާޢު ކުރެއްވުމަށް، ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން ދިން ”ޕާލް ހާބަރ“ ޙަމަލާގެ މިސާލު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންކުރެއްވުމާ ގުޅިގެން، ޖަޕާނުގައި ބޮޑު ނުތަނަވަސްކަމާއި ކަންބޮޑުވުން އުފެދިއްޖެއެވެ.

ހުކުރު ދުވަހު ވައިޓް ހައުސްގައި ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ޓަކައިޗީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިރާނަށް ދިން ޙަމަލާގެ ކުރިން ޔޫރަޕާއި އޭޝިއާގެ އިއްތިޙާދުތަކަށް އެކަން ނޭންގީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ޓްރަމްޕް ވަނީ ޕާލް ހާބަރާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

”ކުއްލި ޙަމަލާއެއްގެ މާނަ ޖަޕާނަށްވުރެ ބޮޑަށް އެނގޭނީ ކޮން ބަޔަކަށްތޯ؟ ޕާލް ހާބަރަށް ޙަމަލާދިނުމުގެ ކުރިން އަހަރެމެން ގާތު ނުބުނީ ކީއްވެގެންތޯ؟“ މިފަދައިންނެވެ.

މި ވާހަކަތަކާ ގުޅިގެން މީސްމީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބައެއް މީހުން ޓްރަމްޕަކީ ޖާހިލު އަދި އަދަބުކުޑަ ބޭފުޅެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، އަނެއް ބަޔަކު ބުނަމުންދަނީ ޓްރަމްޕް ޖަޕާނަކީ އެމެރިކާއާ ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އަދި ޓްރަމްޕްގެ މި ޢަމަލާ ދެކޮޅަށް ރަސްމީކޮށް އިޙްތިޖާޖު ކުރުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ސަސަކާވާ ޕީސް ފައުންޑޭޝަންގެ ސީނިއާ ފެލޯ، ސުނޭއޯ ވަޓަނަބޭ ”ނިކޭ“ ނޫހުގައި ލިޔުއްވާފައިވާ ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ އޭނާއަކީ އެމެރިކާގެ އާންމު ހަމަތަކާއި އުޞޫލުތަކަށް ބޯލަނބާ ބޭފުޅެއް ނޫން ކަމެވެ. ވަޓަނަބޭ އިތުރަށް ލިޔުއްވާފައިވަނީ، ޓްރަމްޕް އެފަދަ ވާހަކައެއް ދެއްކެވީ، އިރާނަށް ދިން ކުއްލި ޙަމަލާ ދިފާޢުކުރުމުގައި ޖަޕާނުގެ ނޫސްވެރިޔާ ނުވަތަ ބޮޑުވަޒީރު ޓަކައިޗީ ބައިވެރިކުރުވުމުގެ މަޤްޞަދުގައި ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން، އެމެރިކާ އަދި ޖަޕާނުގެ ލީޑަރުންގެ މެދުގައި މިފަދަ ނާޒުކު މައުޟޫޢުތަކުގައި ވާހަކަދެއްކުމުގައި ގެންގުޅޭ ނުލިޔެ އޮންނަ އުޞޫލުތަކަށް ޓްރަމްޕް އިޙްތިރާމް ނުކުރެއްވި ކަމުގެ އިޙްސާސްވެސް ޖަޕާނުގެ ރައްޔިތުންގެ މެދުގައި ވަނީ އުފެދިފައެވެ. މި ދެ ޤައުމަކީވެސް އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާވާންޖެހޭ ދެ ބައިވެރިންނެވެ. އެގޮތުން، އެމެރިކާގެ 50,000 ސިފައިންނާއި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ބޭތިއްބުމަށް ޖަޕާނުގެ އެހީތެރިކަމަށް ވޮޝިންގޓަނުން ބޭނުންވާއިރު، ނިއުކްލިއަރ ހަތިޔާރު ހުރި އަވަށްޓެރި ދުޝްމަން ޤައުމުތަކުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެމެރިކާގެ ނިއުކްލިއަރ ރައްކާތެރިކަމުގެ ހިމާޔަތަށް ޖަޕާނުން ބަރޯސާވެއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވައިލި ޖަޕާނުގެ ޤާނޫނުއަސާސީ ބުނާގޮތުން، އަމިއްލަ ދިފާޢުގައި ނޫންގޮތަކަށް ބާރުގެ ބޭނުންކުރުން އޮންނަނީ މަނާކޮށްފައެވެ. ނަމަވެސް، ބޮޑުވަޒީރު ޓަކައިޗީ އާއި އެހެނިހެން އިސް މަސްއޫލުވެރިން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޖަޕާނުގެ އަސްކަރިއްޔާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: