މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މެމްބަރު ފާހަގަކޮށްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް ދިވެހިރާއްޖެއަށް ކުރިމަތިވާން ފަށައިފައިވާ ކަމަށެވެ.
މިޙާރުގެ މާލީ ހާލަތާއި ފުދުންތެރިކަމާއި، ތެލާއި، ގޭހާއި، ބޭހައި އަދި ކާބޯތަކެެއްޗަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމާމެދު ބައެއް ކަންކަން މެމްބަރު ވަނީ ފާޙަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ހާލަތަކަށް ގޮސްދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން މެމްބަރުގެ ސިޓީގައި 6 ނުކުތާއެއް ވަނީ ފާޙަގަކޮށްފައެވެ. އޭގެތެރޭގައި:
- ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މިއަދު ހުރީ 112 ޑޮލަރުގައި އަގު މައްޗަށް އުފުލުން
- ދިވެހިރާއްޖެއަށް ކޮންމެ މަހަކު 330000 ފީފާގެ ތެޔޮ ބޭނުންވުން
- ހަނގުރާމަ ފެށުނު އިރު ތެޔޮ ގަތުމަށް ކޮންމެ މަހަކު އެވްރެޖްކޮށް 30 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް އެ އަދަދު މަހަކު 50 މިލިއަން ޑޮލަރާއި 60 މިލިއަން ޑޮލަރަށް މައްޗަށް ދާނެ ކަމަށް ލަފާކުރެވުން
- އަސާސީ އެހެނިހެން ތަކެއްޗާއެކުޖުމްލަ އިމްޕޯޓަށް ކޮންމެ މަހަކު މަދުވެގެން 100 މިލިއަން ޑޮލަރު ބޭނުންވޭ
- ޔޫޒަބަލް ރިޒާވްގައި ހުރީ 240 މިލިއަން ޑޮލަރު ކަމަށާއި މިއީ ދެމަހާއި ބަޔަށް ބޭނުންކުރެވޭ ވަރުގެ އަދަދެއްކަން
- ޓޫރިޒަމަށް މިވަނީ ބޮޑު ލޮޅުމެއް އަރާފައިވާ ކަމަށާއި ކޮންމެ ދުވަހަކު އެތައް ހާސް ބުކިންތަކެއް ދަނީ ކެންސަލް ކުރަމުން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން މިފަދަ ކަންކަން ކަމަށް ތައްޔާރުވުމާއި، އެ މައުލޫމާތުތައް އެއްކުރުމަކީ މެމްބަރެއްގެ ޒިންމާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މެމްބަރު ވިދާޅުވުވިއެވެ.

