ކުރިން އޮތް އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި، ޕާޓީގެ އިސް ސަފުގައި މިހާރު ތިބީ ”ދަލު ބޭރުން“ ޖެހިގެން އައި ބައެއް ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ މާޔަރ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ތާއިދުކުރައްވާކަން ހާމަކުރެއްވުމަށް ބޭއްވި ހަރަކާތެއްގައެވެ.
އާދަމް މަނިކު ވިދާޅުވީ މިހާރު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އާއި ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކީ އެއީ ޕާޓީގެ އަސްލު ބޭފުޅުން ނޫން ކަމަށެވެ. އެ ބޭފުޅުންނަކީ ކުރިން ޑީއާރުޕީއަށް ނިސްބަތްވި ބޭފުޅުންކަން ފާހަގަކުރައްވައި، އާދަމް މަނިކު ވިދާޅުވީ އޭރު އެމްޑީޕީއަށްޓަކައި ކުރި މަސައްކަތްތައް އަދުގެ ލީޑަޝިޕުން ބަލައިނުގަންނަ ކަމަށެވެ. އަދި އެމްޑީޕީ ކުރިން އޮތް ގޮތަށް ބަދަލުވި ދުވަހަކުން އަލުން އެ ޕާޓީން ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭގެ ތަރައްގީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާދަމް މަނިކު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމާއި މަގުތައް ފުޅާކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާއެއް ނޫން ކަމަށެވެ. އެފަދަ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ގާބިލްކަމާއި ފައިސާ ހުންނާނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ އަތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”ސަރުކާރު ނޫން ކެންޑިޑޭޓަކަށް ވޯޓު ދީގެން ނުވަތު ބުރެއް ނޫންތޯ ދާނީ،“ އާދަމް މަނިކު ވިދާޅުވިއެވެ.
ސަރުކާރުގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލަށް ދޭ ވޯޓަކީ މާލެއަށާއި މާލޭގެ ރައްޔިތުންނަށް ދެވޭ ވޯޓެއްގެ ގޮތުގައި އާދަމް މަނިކު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއަދު މާލެއަށް ކަމެއް ކޮށްދެވޭނީ ވެރިކަން ކުރާ ޕާޓީއަށް ކަމަށާއި، އެ ބާރާއި ފައިސާ އަދި ގާބިލްކަން ހުރީ ސަރުކާރުގެ ކިބައިގައި ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވީ ނޫން ކަމަށާއި، ނަމަވެސް ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، އެ ބަޔަކަށް ތާއިދުކުރައްވާނެ ކަމަށެވެ. އޭނާގެ މި ނިންމުމަކީ މާލޭގެ ތަރައްގީއަށްޓަކައި ނިންމެވި ނިންމުމެއްކަން އޭނާ ވަނީ ހާމަކުރައްވާފައެވެ.

