ރާއްޖޭގައި ބޭނުންވާ ވަރަށް ތެލުގެ ސްޓޮކް އެބަހުރިކަމަށާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ ވަރަށް ބޮޑުތަނުން އުފުލިފައި ކަމަށެވެ. އެގޮތުން ކުރިން ހުރި އަގަށްވުރެ ދެގުނައަށް ވުރެ ބޮޑުވެ، ތެޔޮ ފީފާގެ އަގު އުފުލިފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ތެލުގެ އަގަށް ބަދަލެއް ގެނައުމަށް ސަރުކާރުން ގަސްތުނުކުރާކަމަށް ޒަމީރު ވިދާޅުވިއެވެ.
ތެލުގެ އަގު ބޮޑުނުކޮށް ހިފަހައްޓަނީ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކަށް ބަލައި، އިގްތިސާދީ މުހިންމު ސިނާއަތްތަކަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައިކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، މަސްވެރިންނަށާއި އާންމުކޮށް ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ހޯދާ ފަރާތްތަކަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ތެލުގެ އަގު ސަބްސިޑައިޒް ކުރަމުންކަމަށް ޒަމީރު ވިދާޅުވި އެވެ.
އެކަމަކު ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް. އަދި ހަމައެއާއެކު ކުރިންވެސް އަންނަމުން އައިހެން ބައެއް އިންޑަސްްޓްރީތަކަށް މާބޮޑު ގެއްލުމެއް ވެދާނެތީވެ އަދި އާންމުންނަށް މާބޮޑު އެ އުނދަގޫތައް ފޯރާފާނެތީވެ ބައެއް ކަހަލަ ދިމަދިމާލުން އަޅުގަނޑުމެން ހުންނާނީ ތެލުގެ އަގުބޮޑު ނުކޮށް އެ ސަބްސިޑައިޒް ކޮށްގެން މި ގެންދަނީ، މަސްވެރިންނާ އަދި އޭގެ އިތުރުން މާލޭގެ މިސާލަކަށް މި ޕެޓްރޯލް ޕަމްޕުން ގަންނަ ފަރާތްތަކަށާއި އަދިވެސް އޭގެ އިތުރުންވެސް މި ޚިދުމަތް ހޯދާ ގިނަ ފަރާތްތަކަށް އެކަށީގެންވާ ހެޔޮ އަގެއްގަ ތެޔޮ ފޯރުކޮށްދިނުން އެއީ ސަރުކާރުން މިހާރު މިގެންދާ ގޮތަކީ ހަމަ އެއީ ތެލަށް ބަލާލާއިރު އަޅުގަނޑުމެން އަތުގައި ހަމަ ކުރީގަވެސް ދަންނަވާފަ އޮތް ގޮތަށް އެކަށީގެންވާ ވަރަށް ސްޓޮކް އެބަހުރި.
ރާއްޖޭގެ ތެލުގެ ރިޒާވްއާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޒަމީރު ވިދާޅުވީ، އެސްޓީއޯގެ ދެ އުޅަނދު ކަމަށްވާ ”އަލިމަސް“ އަދި ”ނިއޯން“ އިން މިހާރު ތެޔޮ ގެނެސްފައިވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ 2 ނުވަތަ 3 ހިސާބުގައި ސިންގަޕޫރުން ތެޔޮ ބަރުކޮށްގެން އަންނަ އުޅަނދެއް ރާއްޖެ އަންނާނެ ކަމަށާއި، އޭޕްރީލް 4 ނުވަތަ 5 ހިސާބުގައި އޮމާންގެ ސޮހާރުން ތެޔޮ ހިފައިގެން އިތުރު އުޅަނދެއް އަންނާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޒަމީރު ވަނީ ރާއްޖެއަށް ދުވަހުން ދުވަހަށް ބޭނުންވާ ވަރަށް ތެލުގެ ސްޓޮކް މިހާރު ވެސް ހުރިކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

