މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނުދޭނެކަމަށާއި، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީ ނުރައްކަލެއް ނެތްކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލު ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާލަތާއި ގުޅޭ ބައެއް މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.
އެގޮތުން އެކި ގައުމުތަކުން ހަނގުރާމައާއި ގުޅުވައި އެކި ފިޔަވަޅުތައް އަޅަމުން ގެންދާއިރު، ރާއްޖެ ގޯސް ހާލަތަކަށް ތައްޔާރު ނުވާކަމަށް ބުނެ އަމާޒުވާ ފާޑުކިއުންތަކަށް ވަނީ ރައްދު ދީފަ އެވެ.
މި ޕްރެސްގައި ސަރުކާރުން ވަނީ ތެލުގެ ސްޓޮކް ހުސްނުވެ ރާއްޖެއަށް ލިބެމުންދާނެކަމުގެ ޔަގީންކަން ދިފަ އެވެ. މިއާއިއެކު ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެކަމަށް ބެލެވޭ ނޭދެވޭ އަސަރުތައް ދެނެގަނެ، ކުރެވޭނެ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
ހާލަތާއި ގުޅުވައި މިފަހުން އެންމެ ބޮޑަށް ދެކެވުނީ، ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަކަށް އެދިފައިވާކަމަށެވެ. އަދި އީރާނުން ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް ދިން ހަމަލާއާއި އެކު، ރާއްޖެއަށް އޭގެ ސަބަބުންކޮށްފާނެ އަސަރާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައި ވެއެވެ.
މިކަމާއި ގުޅޭގޮތުން ޣައްސާން ވިދާޅުވީ ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ސަރުކާރުން ނިންމާފައި ވަނީ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ނުވަތަ އެނޫންވެސް ސަރަހައްދެއް އެއްވެސް ގައުމަކަށް ބޭނުން ނުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މިހާރުވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެ ނިންމެވުމާ އެއްގޮތަށްކަމަށް ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތްކަމަށް މިވަގުތު ނުބެލެވެ އެވެ.
މި ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ވެސް އަދި އެނޫން އެއްވެސް ތަނެއް އެއްވެސް ގައުމަކަށް ނުދޭގޮތަށް ސަރުކާރުން ނިންމެވި ނިންމެވުމާ އެއްގޮތަށް އަޅުގަނޑުމެން ކުރިއަށް މިދަނީ. މި ފުރުސަތުގައި އަޅުގަނޑު އެންމެ ބޮޑަށް ދަންނަވާލަން ބޭނުންވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް، ﷲ އިރާދަކުރެއްވިއްޔާ މި ހަނގުރާމައިގެ ސަބަބުން ދިވެހިރާއްޖެއަށް އަސްކަރީ ގޮތުން އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް އަޅުގަނޑުމެންނަށް މިދަނޑިވަޅަކު ނުފެނޭ.
ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހަދު ނުދޭން ނިންމާފައިވާކަމަށް ބުނުމުން، ނޫސްވެރިއަކު ވަނީ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދައަށް އެދުނީ ކޮން ގައުމެއްތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ކޮމިޓިގެ ޗެއަރ، ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވީ ދެ ގައުމެއްގެ މެދުގައި ކުރެވޭ މުއާމަލާތެއް ހިއްސާ ނުކުރެވޭނެ ކަމަށެވެ. ޚަލީލް ވިދާޅުވީ އެއްވެސް ގައުމަކާއި އެކު ކުރެވޭ މުއާމަލާތެއް ހިއްސާ ކުރެވޭނީ، އެ ގައުމެއްގެ ހުއްދަ ލިބިގެން ކަމަށެވެ.

