މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ބަލައިގެންފި އެވެ.
އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށް ގެންދާ މި ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށާއި މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ އެވެ.
މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ.
ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި ފޮނުއްވި ލިޔުމުގައި ބަޔާންކޮށްފައިވަނީ، މި މައްސަލަ ހުށަހަޅާފައިވަނީ ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށްވާތީ، މައްސަލަ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މި މައްސަލާގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށެވެ. ނަމަވެސް، ރައީސް މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ ސުވާލުގައި އެ ބައިތައް ހިމެނިފައި ނުވާ ކަމަށް ވަކީލުން ބުނެފައިވެ އެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލުގައި ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުން ކަންކަން ހިމަނާފައިވާ ކަމަށްވެސް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގެ އިތުރުން، މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދި ގާނޫނީ ވަކީލު އަލީ ހުސައިން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

