ހއ. ދިއްދޫގައި އަލަށް ތަރައްގީކުރާ ފުޓްބޯޅަ ދަނޑަކީ ބައިނަލްއަގުވާމީ މެޗުތައް ކުޅެވޭ ފެންވަރަށް ތަރައްގީކުރާނެ ތަނެއް ކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަޠީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެންޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ލަޠީފް ވިދާޅުވީ، މި ދަނޑު އެޅުމުގެ އެއްބަސްވުމުގައި މި މަހުގެ 28 ވަނަ ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދިއްދޫގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ލަޠީފް ވިދާޅުވީ، ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވި ސާފު ބޯފެނުގެ ހިދުމަތާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ހައްލު ހޯދައިދީފައިވާ ކަމަށެވެ. އެގޮތުން 250 ހައުސިން ޔުނިޓު އަޅައި، އެތަނަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ވެސް މިހާރު ފޯރުކޮށްދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލަޠީފް ވިދާޅުވީ، ދިއްދޫގެ ދެކުނުން ފެށިގެން އުތުރާ ހަމައަށް ހިލަ ޖަހައި ރަށް ހިމާޔަތްކޮށްދިނީ ވެސް މި ސަރުކާރުގެ ވިސްނުމާއި ފިކުރުގެ ތެރެއިން ކަމަށެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.
ލަޠީފް އިތުރަށް ވިދާޅުވީ، ރާއްޖެތެރޭގެ ރަށެއްގައި ބިން ހިއްކުމަށް އެންމެ ބޮޑު ހަރަދެއް ކުރި އެއް ރަށަކީ ދިއްދޫ ކަމަށާއި، މިހާރު އެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅުތަކުގެ ތެރޭގައި ނުހިމެނުނު ކަމުގައި ވިޔަސް، ރަށުގެ ޒުވާނުން ބޭނުންވެފައިވާ ޒުވާނުންގެ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ލަޠީފް ވިދާޅުވީ ދިއްދޫގެ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭނީ މި ސަރުކާރުން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

