ރާއްޖެއަށް މިވަގުތު ވަޑައިގެން އުޅުއްވާ އެމެރިކާގެ މަންދޫބާއި އެކު، މެދުއިރުމަތީގެ ހަނގުރާމައާއި ގުޅުވައި ދައްކަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް މުއިއްޒު ވިދާޅުވީ ގައުމުތަކާއި އެކު ގުޅުން ބަދަހި ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އިޒްރޭލު ނޫން ކޮންމެ ގައުމެއްގެ ވެރިއަކު ވެސް ރާއްޖެ އަޔަސް މަރުހަބާ ލިޔާނެ ކަމަށެވެ.
އެމެރިކާއިން ދެކުނު އަދި މެދުއިރުމަތީ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައިވާ ހާއްސަ މަންދޫބު ސާޖިއޯ ގޯ މިވަގުތު ރާއްޖެ ހުންނެވިއިރު، އޭނާ ވަނީ ރައީސް މުއިއްޒާއި އެކު ބައްދަލުވުމަކަށް އެދިފަ އެވެ. ރައީސް އޮފީހުގައި މި ބައްދަލުވުން ކުރިޔަށް ގެންދާއިރު، ނޫސްވެރިއަކު ވަނީ އެއީ ކޮން މަޝްވަރާއަކަށް ބާއްވާ ބައްދަލުވުމެއްތޯ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ، އޭނާ ބައްދަލުކޮށް ދައްކަން ބޭނުންވާ ވާހަކައެއްކަމަށެވެ. ނަމަވެސް މިވަގުތު ހިނގަމުންދާ ހަނގުރާމައާއި ގުޅޭގޮތުން ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ސަރަހައްދެއް ނުވަތަ އެއާރ ސްޕޭސް ބޭނުން ނުކުރެވޭނެކަމަށާއި އެފަދަ ހުއްދައެއް ވެސް މި ސަރުކާރުން ނުދޭނެކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރިޕޯޓުކުރި ގޮތުން، ސާޖިއޯގެ މި ދަތުރުގެ ބޭނުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަހައްދީ ރައްކާތެރިކަމާއި ގުޅޭގޮތުން މަތީ މަޝްވަރާ ކުރުމެވެ.
މި ޕްރެސްގައި ރައީސް ވިދާޅުވީ އީރާނުން ހަމަލާ ދޭން ޖެހޭ ގައުމަކީ ސީދާ އިޒްރޭލު ކަމަށެވެ. އަދި އިޒްރޭލަށް ހަމަލާތައް ދެމުންދާންވީކަމަށާއި، އެކަން އެގޮތުގައި ދާން ބޭނުންވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

