ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތިއްޔާ ދައުލަތަށް އެ ބިން ދޫކޮށްލަން އޮތް އުސޫލު ބަދަލުކުރަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ފުލެޓު ނުވަތަ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮންނަ މީހުން، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އޮތް އުސޫލު އުވާލުމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ.

ކުރިން އަމަލުކުރަމުން އައި އުސޫލުގައިވާ ގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ގޯއްޗެއް ނުވަތަ ފުލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތްނަމަ، އެ ބިންކޮޅު ދައުލަތަށް ދޫކޮށްލަން މަޖުބޫރުވެއެވެ. ނަމަވެސް، އައު ބަދަލާއެކު މިހާރު އެ ބިންކޮޅު ދައުލަތަށް ދޫކޮށްލާކަށް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި، އެ މީހެއްގެ އަނބިމީހާ، ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް އެ ބިންކޮޅު ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ އާއިލާތަކުގެ މުދާ އާއިލާގެ ތެރޭގައި ހިފެހެއްޓުމަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި އައު އުސޫލަކީ ހަމައެކަނި އަލަށް ފަށާ މަޝްރޫޢުތަކަށް އެކަނި ހިނގާނެ އުސޫލެއް ނޫނެވެ. މިދިޔަ ސަރުކާރުން ހިންގި ’ބިންވެރިޔާ‘ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށާއި، އަދި މި ސަރުކާރުގައި ފުލެޓު ހަވާލުކުރެވުނު ފަރާތްތަކަށްވެސް މި ލުއިތައް ލިބިގެންދާނެއެވެ. މީގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލިބޭ ބޯހިޔާވަހިކަމަކީ އެއްވެސް ތާށިކަމެއް ނެތް، ފުރިހަމަ ހައްގަކަށް ހެދުމެވެ.

ހުރިހާ ބިމެއް ދޫކޮށްލަން ނުޖެހުނު ކަމުގައިވިޔަސް، ބައެއް ޚާއްޞަ ހާލަތްތަކުގައި އަދިވެސް ބިން ދައުލަތަށް ދޫކޮށްލަން ޖެހޭނެއެވެ. އެގޮތުން، ސަރުކާރުން ދީފައިވާ ސޯޝަލް ހައުސިންގ ފުލެޓެއްގައި ދިރިއުޅޭ މީހަކަށް އައު ބޯހިޔާވަހިކަމެއް ލިބިއްޖެނަމަ، ކުރީގެ ފުލެޓު ދޫކޮށްލަން ޖެހޭނެއެވެ. އަދި ޖޮއިންޓް އެޕްލިކޭޝަންތަކުގެ ތެރެއިން މުޅި ގޯތި އެއްކޮށް ދޫކޮށްލާފައި އަލުން ގޯތި ހޯދާ ފަރާތްތަކުންނާއި، ’ލާޖައްސާ‘ އުސޫލުން ބިން ބަދަލުކުރާ ފަރާތްތަކުންވެސް އެ ބިންތައް ދައުލަތާ ހަވާލުކުރަން ޖެހޭނެއެވެ.

ބޯހިޔާވަހިކަމުގެ އައު ސްކީމްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ފުރުސަތު އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި އުސޫލުތަކާ ގުޅޭ އިތުރު ތަފްސީލުތައް ހިމެނޭ ގަވާއިދުތައް ވަރަށް އަވަހަށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭނެއެވެ. މިއީ ގިނަ ރައްޔިތުންތަކަކަށް އޭގެ ފައިދާ ކުރާނެ، އަދި ބޯހިޔާވަހިކަމުގެ ދަތިކަމަށް އޮތް ބޮޑު ހައްލެކެވެ.

400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ދައުލަތަށް ދޫކޮށްލަން ނުޖެހޭ ގޮތަށް ނިންމި ނިންމުމަކީ ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިންމުމެކެވެ. މީގެ ސަބަބުން ކުދި ބިންކޮޅުތައް އާއިލާގެ ތެރޭގައި ދެމިއޮތުމުގެ ފުރުސަތު ލިބި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ހަގީގީ މަންފާ ރައްޔިތުންނަށް ފުރިހަމައަށް ލިބިގެންދާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: