ބާރެއް އޮތުމަކީ އެ ބާރެއް ބޭނުންކުރަންޖެހޭ ސަބަބެއް ނޫން ކަމަށާއި، ބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޤާނޫނުގައި ފިޔަވަޅު އެޅޭ ބާރު އޮތް ނަމަވެސް، ކައުންސިލްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، އެންމެންގެ މެދުގައި ވާހަކަދެކެވިގެން ސިޔާސީ ވިސްނުން ނުވައްދައި މަސައްކަތް ކުރާ ކަމަށްވަނީ ނަމަ ރައްޔިތުންނަށް އެއްވެސް ދައްޗެއް ނުވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ސިޔާސީ ވިސްނުން އިސްކުރެވިގެން، ރައްޔިތުންނަށް އަންނަންހުރި ކުރިއެރުންތަކަށް ހުރަސްތައް ކުރިމަތިވާ ކަމަށާއި، އެއީ ރައްޔިތުންނަށް ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވަޢުދުތައް ވެވަޑައިގެންފައިވަނީ އެކަންކަން ކޮށްދިނުމުގެ ނިޔަތުގައި ކަމަށާއި، އެކަންކަން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އެހީތެރިކަމާއިއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ލާމަރުކަޒީ އުސޫލުގެ ތެރެއިން ކަންކަން ކުރައްވަން ކަމަށްވެސް ވިދާޅުވިއެވެ.
ކައުންސިލްތަކަކީ ވެރިކަންކުރާ ބާރުގެ ތެރޭގައި ސަރުކާރަށް އެހީތެރިކަން ދިނުމަށްޓަކައި އޮތް ބައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގައި އޮންނަނީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢުތަކަށާއި ތަންފީޒުކުރަން ބޭނުންވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށެވެ.
މުޅި ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީން ރައީސަކު ހޮވައި، ސަރުކާރެއް ހިންގަން ޙަވާލުކުރަނީ ޤާނޫނު އަސާސީގައިވާ ހަމަތަކުގެ މަތީން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ވެރިކަންކުރާ ބާރުގެ ތެރޭގައި ހިމެނޭ ބަޔަކުވިއްޔާ އެ ރައީސަކަށް އެއްބާރުލުން ދެއްވަން ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

