ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތައިން ފެން އުފެއްދުމަށް ގާއިމުކުރި ނިޒާމުގެ އަމަލީ މަސައްކަތްތައް ނިމިފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވެއްޖެ އެވެ.
މަތީން ވިދާޅުވި ގޮތުގައި ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފެނުގެ ހިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިއީ ހޯދުނު ތާރީހީ ކުރިއެރުމެކެވެ.
މަތީން ވިދާޅުވީ، ހދ. ކުޅުދުއްފުށީގައި ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމަށް ފެށި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައިވާކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޔާސަތުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވުނު މަސައްކަތެއްކަމަށް މަތީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކޮށްގެން ފެނުގެ ނިޒާމުތައް ފަރުމާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީން 2025 ވަނަ އަހަރު ކުޅުދުއްފުށީގައި ފެށި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޓެސްޓުކުރުމުގެ މަރުހަލާކަން ފާހަގަކުރައްވައި މަތީން ވިދާޅުވީ މި މަރުހަލާ ނިމުމާއެކު، އޭޕްރީލް މަހުން ފެށިގެން ކުޅުދުއްފުށީގެ މުޅި އާބާދީއަށް ބޭނުންވާ ފެން، އެއްވެސް ވަރަކަށް ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިއާދަކުރަނިވި ހަކަތައިން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.
މަތީން ވިދާޅުވީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ދިނުމުގެ އައު ބާބެއްގެ ފެށުން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ދަތުރުގައި ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.

