މޯޗަރީ ކައިރީ ހުރި ގުދަނުގައި ރޯކޮށްލިކަމުގެ ތުހުމަތުގައި 5 ދުވަހަށް މީހަކު ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޙުސައިން ޝަޙްބާން ވަނީ ކޯޓު އަމުރެއްގެ ދަށުން މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފައި ކަމަށެވެ.
ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހަކު ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

