ގައުމީ ދިފާއީ ބާރު، މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ދެ މީހަކު ވެގެން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ނުބަލާ އޮއްބާލަން މަސައްކަތްކޮށްފައިވާކަން ހާމަވެއްޖެއެވެ.
2 އަހަރުގެ ކުއްޖަކު ރޭޕްކޮށްލި މައްސަލައިން މުޅި ގައުމު މިވަގުތު މިއޮތީ ޝޮކެއްގެ ތެރޭގައެވެ. ކުއްޖާގެ ބައްޕައާއި، ކާފަ އަދި މުނިކާފަ އެކުވެގެން ހިންގި އެ އަމަލު ފެންމަތިވެގެން އައީ ސޯޝަލް މީޑިއާއިންނެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު މިކަމަށް ކަމާއި ބެހޭ އެއްވެސް އިދާރާއަކަށް އެޅުނު ފިޔަވަޅެއްވެސް އަދި ކުރެވުނު ތަހުގީގެއް ވެސް ނެތެވެ.
2 އަހަރުގެ ކުއްޖާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ކުށްލި ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި، 15 އަހަރުގެ ކުއްޖާގެ ވާހަކަ ހާމަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާގެ މައްސަލަ ނުބަލާ ތާށިކޮށްލާފައިވާތާ 6 މަސް ދުވަސް ވެފައިވާ ކަމަށެވެ. ރޮޒެއިނާ ވިދާޅުވީ، އައިލާގެ ކަންބޮޑުވުންތަކާއި އެކު އޭނާ އަމިއްލައިން ވިލީ ފުލުހަށް ގޮސް އެކަމުގެ ކަންބޮޑުވުން ފާޅު ކުރި ކަމަށެވެ. ކުއްޖާގެ މަންމަވެސް އެތައް މަަސައްކަތެއް ކުރިއިރު ލިބުނު އެއްވެސް ކުރިއެެރުމެއް ނެތްކަން ވެސް ރޮޒެއިނާ ވަނީ ފާޙަގަކޮށްފައެވެ.
ރޮޒެއިނާ ވިދާޅުވީ 15 އަހަރުގެ ކުއްޖާ ރޭޕް ކުރި ދެ ސިފައިންގެ މީހުންގެ ވަނަވަރު ކުއްޖާއަށް ކިޔައިދޭން އެނގޭ ކަމަށެވެ. އަދި އެ ދެ ސިފައިން މިއަދުވެސް ޔުނިފޯމު އަޅައިގެން ޑިއުޓީއަށް ދާއިރު ކުއްޖާއަށް ލިބޭ އެއްވެސް އިންސާފެއް ނެތް ކަން ރޮޒެއިނާ ފާހަގަކުރެއްވިއެވެ.
ރޮޒައިނާ ވަނީ ފުލުހުންނާއި، ޖެންޑާ އަދި ކޯޓުގައި މިފަދަ ކިތައް މައްސަލަ އޮތްތޯ އޮޅުން ފިލުވަން ޖެހޭކަން ފާހަގަކުރައްވާ އަދި މިފަދަ މައްސަލަތައް ރިޕޯޓް ކުރިއަސް މުއައްސަސާތަކުން އެކަމާ އަޅާ ނުލާ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

